ޚަބަރު

ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢު، އިންޑިއާގެ ޖޭއެމްސީއާ ޙަވާލުކޮށްފި


ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑަށް މި މަޝްރޫޢު އެވޯޑު ކުރެވިފައިވާ އަގަކީ 136,625,386.44 (ސަތޭކަ ތިރީސް ހަ މިލިއަން، ހަ ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓު ސާޅީސް ހަތަރު) އެމެރިކާ ޑޮލަރަށްކަމަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާއެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019ގައި ސޮއިކުރި ކްރެޑިޓް ލައިނެއްގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ.

އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުވުމެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން މި މައްސަލައަށް ޙައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

މި މަޝްރޫޢުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. މިގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމި، ޚިދުމަތްދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެއެވެ.

މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިޤްތިޞާދަށް އާރޯކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރެވުމަކީ މަސްގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ޚާއްޞަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

އަދި ރާއްޖޭގެ އުތުރުން ދުނިޔޭގެ މައި ޝިޕިންގ ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް ރާއްޖޭގެ އުތުރުގައި ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ތަންފީޒުކުރުމުގައިވެސް ހަނިމާދޫ އެއަރޕޯޓް ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީވެގެން ދިޔުމީ މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫޢެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކޮށް، އެ ސަރަޙައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެއެވެ. އަދި 2024ގައި މަޝްރޫޢު ނިމި އެއަރޕޯޓްގެ ޚިދުމަތް ފެށިގެންދާނެއެވެ.