ކުޅިވަރު

ފުރަތަަމަ ފަހަރަށް އިބާދުﷲ ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީއަށް


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފިރިހެނުންގެ 200 މީޓަރުގެ ދުވުމުގެ ސެމީ ފައިނަލުން ރާއްޖޭގެ ކުރިއަރަމުން އަންނަ ދުވުންތެރިޔާ އިބާދުﷲ އާދަމް ފުރުސަތު ހޯދައިފިއެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ފުރަތަމަ ހީޓުގައި އަށް ދުވުންތެރިން ދުވަން އޮތް ނަމަވެސް، ތިން ދުވުންތެރިން ވަނީ ޑިސްކޮލިފައިވެފައެވެ. އެއީ އައިވަރީ ކޯސްޓުގެ ޑިޖޭރޯ އާއި މެލޭޝިއާގެ އަރްސިއާދު އަދި އީރާނުގެ ތަފްތިއާނެވެ.

އެހެންކަމުން މި ރޭހުގައި އިބާދުﷲ އާއެކު ދުވެފައިވަނީ ފަސް ދުވުންތެރިންނެވެ. ފަސް ދުވުންތެރިންނާ ވާދަކޮށް އިބާދުﷲ ރޭސް ނިންމީ ތިންވަނައަށެވެ. އޭނާގެ ޓައިމިންއަކީ 21.75 ސިކުންތެވެ.

މި ނަތީޖާއާއެކު ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީން އިބާދުﷲ ފުރަތަމަ ފަހަރަށް ޖާގަ ހޯދިއިރު، މި ފަހަރުގެ ގޭމްސްގައި ވަނީ އަންގާރަ ދުވަހު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގައިވެސް އޭނާ ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ވުރެ ބާރަށް ދުވެ، އިބާދުﷲ އެ ރޭސް 10.54 ސިކުންތުންނެވެ. މިއީ 100 މީޓަރުގެ ރޭހެއް އިބާދުﷲ މިހާތަނަށް ނިންމި އެންމެ އަވަސް ވަގުތެވެ.

މީގެ އިތުރުން ބުދަ ދުވަހު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގައި ސާއިދުވެސް ވަނީ ވާދަކޮށްފައެވެ. މި ބައިގެ އެންމެ ވަރުގަދަ ހީޓުގައި ސާއިދު ދުވިއިރު، އޭނާ ދިޔައީ ހީޓުގެ ފަސްވަނައަށެވެ. މި ރޭހުގައި ސާއިދުގެ ޓައިމިންއަކީ 21.69 ސިކުންތެވެ.