ކުޅިވަރު

200 މީޓަރު ދުވުމުގެ ރިކޯޑު ހިމްނާ މުގުރާލައިފި


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން، އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މުގުރާލައިފިއެވެ.

ހިމްނާ ވަނީ މިދިޔަ މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި އަންހެނުންގެ 100 މީޓަރު ދުވުމުގެ ރިކޯޑުވެސް މުގުރާލާފައެވެ.

އަންހެނުންގެ 200 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލީ ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ ހީޓު ދޭއްގެ ދުވުން 24.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެކަމަކު ހިމްނާ ދިޔައީ މި ރޭހުގެ ފަސްވަނައަށެވެ. އެ ހީޓު ކާމިޔާބުކުރި ތުރުކީގެ ދުވުންތެރިޔާ ޕޮލާޓެވެ. އޭނާ ރޭސް ނިންމީ 23.44 ސިކުންތުންނެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހިމްނާ މުގުރާލިއިރު، މީގެ ކުރިން ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރިކޯޑު އޮތީ އަފާ އިސްމާޢީލުގެ އަތުގައެވެ. އަފާ އެ ފަހަރު ރިކޯޑު ހެދީ 2016 އަހަރު ކުރިއަށްދިޔަ އޮލިމްޕިކް ގޭމްސްގައި، 24.96 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 200 މީޓަރު ދުވުމުގައި ރާއްޖޭގެ ރިފާ މުޙައްމަދުވެސް ވަނީ ދުވެފައެވެ. ހީޓް އެކެއްގައި ރިފާ ވާދަކުރިއިރު، އޭނާ ރޭސް ނިންމީ ހަވަނައަށެވެ. މި ހީޓުގައި ރިފާގެ ޓައިމިންއަކީ 26.09 ސިކުންތެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ހިމްނާ އާއި އާމިނަތު ލަޔާނާ މުޙައްމަދު ވަނީ 400 މީޓަރު ދުވުމުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. މި ރޭހުގެ ހަތްވަނައަށް ހިމްނާ ދިޔައިރު، ލަޔާނާއަށް ނިންމުނީ އެންމެ ފުލުންނެވެ. ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރިކޯޑުވެސް އިންނަ ހިމްނާގެ މި ފަހަރު ރޭސް ނިންމާފައިވަނީ 58.84 ސިކުންތުންނެވެ. އަދި ލަޔާނާ ރޭސް ނިންމީ 1 މިނެޓު 2.04 ސިކުންތުންނެވެ.