ކުޅިވަރު

10 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ފަޔާޒަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފަޔާޒް ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި އަސްލަމް އަބްދުﷲ އާއި ވާދަކޮށް 9-5 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުން ފަޔާޒް މޮޅުވެފައިވަނީ ފަހަތުން އަރައި ދެއްކި މޮޅު ކުޅުމާއެކުއެވެ. އެގޮތުން މެޗު ފެށިއިރު އަސްލަމް ލީޑުގައި އޮތް ނަމަވެސް، ބްރޭކަށް ދިޔައިރު ދެ ކުޅުންތެރިން އޮތީ އެއްވަރުވެފައެވެ. އަދި ބްރޭކަށް ފަހު ފަޔާޒް ވަނީ އިތުބާރާއެކު ކުޅެ މެޗު ކާމިޔާބުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި އަހަރުގެ 10 ބޯލް އެސޯސިއޭޝަން ކަޕުގައި ގައި ޖުމްލަ 33 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އަދި މި މުބާރާތް ކުރިއަށްދިޔައީ މި ކުޅުންތެރިން 16 ގްރޫޕަކަށް ބަހާލުމަށްފަހު، ކޮންމެ ގްރޫޕަކުން ދެ ކުޅުންތެރިންނަށް ދެވަނަ ބުރުން ޖާގަ ލިބިގެންދާ ގޮތަށެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަޔާޒް ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އިސްމާޢީލް ސުވެއިދު ބަލިކުރުމަށްފަހުއެވެ. އަދި ގައުމީ ޓީމުގައިވެސް ހިމެނޭ ފަޔާޒް ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ ކާމިޔާބީއާއެކު އެމްޕީބީއޭއިން ތައްޔާރުވަނީ އަންނަ މަހު ބާއްވާ ތިން މުބާރާތަށެވެ. އެއީ ގައުމީ 10 ބޯލް ޗެމްޕިއަންޝިޕާއި، 9 ބޯލް ޗެމްޕިއަންޝިޕުގެ އިތުރުން 9 ބޯލް އެސޯސިއޭޝަން ކަޕެވެ. އޭގެ ފަހުން އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމީ ބިލިއާޑް މުބާރާތެވެ.