ކުޅިވަރު

ރިސޯޓް ލީގު: ސެމީގައި މެރީނާ އާއި ސާއިގެ ކުރިމަތިލުމެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލޭ ޒޯނުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދަ މެރީނާ އާއި ސާއި ލެގޫން ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ދަ މެރީނާއިން ހޯދީ ބުދަ ދުވަހު ކުޅުނު ކުއާޓާ ފައިނަލުގައި މި ޒޯނުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ފިހާޅޮހި 6-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މީގެ އިތުރުން ސާއި ލެގޫން ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކަނޑޫމާއާ ވާދަކޮށް، ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޖުމްލަ 11 ޓީމާއެކު ކުރިއަށްދާ ސައުތު މާލޭ ޒޯނުގެ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނެ ޓީމެއް ޔަގީންވާނީ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭ ކުއާޓާ ފައިނަލުގެ ދެ މެޗަށްފަހު އެވެ. އެގޮތުން ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ހާޑް ރޮކާއޮ ވެލައްސަރެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އަނަންތަރާ އާއި ބޮލިފުއްޓެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ޒޯނުގެ ސެމީ ފައިނަލް މެޗުތަށް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ހަވީރެވެ.

ސައުތު މާލޭ ޒޯނުގައި މި ފަހަރު މުބާރާތް ބާއްވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން އެންމެ ފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ކަނޑޫމާއެވެ.