ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގެ ނިއުކްލިޔަރ ހަތަކަ އުފައްދާ ޕްލާންޓަކީ އައްޑަނައެއްގެ ގޮތުގައި ރަޝިޔާއިން ބޭނުން ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކޮށްފިއެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންދްރީ ޔަރްމެކް ވިދާޅުވީ، ރަޝިޔާ ސިފައިން ޒަޕޮރީޜިޔާގެ ނިއުކްލިޔަރ ޕްލާންޓު ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމުގައެވެ.
މި ގޮތުން، ޔޫކްރެއިނުގެ ރަށްތަކަށް މިސައިލް ހަމަލާ ދިނުމަށް އެ ސަރަޙައްދު ބޭނުން ކުރަމުންދާ ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، ރަޝިޔާއިން މި ގޮތަށް އަމަލު ކުރަމުން ދަނީ، ނިއުކްލިޔަރ ޕްލާންޓު ހުރި ސަރަޙައްދަށް ރައްދު ހަމަލާ ދޭން ޔޫކްރެއިނުން ޖެހިލުންވާނެ ކަން އެނގޭތީ ކަމުގައި އޭނާ ވިދާޅުވިއެވެ.
އެ ސަރަޙައްދުގައި ރަޝިޔާ ސިފައިންގެ 500 މީހުން ހަރަކާތްތެރި ވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ސަރަޙައްދުގައިވާ ރަށްތަކާއި އަވަށްތަކަށް 80 އަށްވުރެ ގިނަ ރޮކެޓް ހަމަލާ އަމާޒުކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ތެރެއިން ބައެއް ހަމަލާތައް އަމާޒު ކޮށްފައި ވަނީ ޒަޕޮރީޜިޔާގެ ރަށްބޭރުގައި އޮންނަ އަވަށެއް ކަމުގައިވާ މަރްހަނެޓްސްއަށާއި ޑްނިޕްރޮޕެޓްރޮވްސްކް ސަރަޙައްދަށެވެ. ޑްނިޕްރޮޕެޓްރޮވްސްކަށް ދިން ހަމަލާތަކުގައި ޢާންމުންގެ ތޭރަ މީހުން މަރުވި ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، މަރްހަނެޓްސްއަށް ދިން ހަމަލާތަކުގައި ޢާންމުން ދިރިއުޅޭ 20 ޢިމާރާތަކަށް ގެއްލުންވެ، 52 އަހަރުގެ އަންހެނެއް މަރުވި ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.
ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް ދާދިފަހުން ދީފައިވާ ހަމަލާތަކުގެ ޒިންމާ އެއްވެސް ޤައުމަކުން އުފުލާފައެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން ނިއުކްލިޔަރ ކާރިސާއެއް ހިނގާފާނެ ކަމުގެ އިންޒާރު އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ވަނީ ކޮށްފައެވެ. އަދި، ޖީ7ގެ ޤައުމުތަކުގެ ލީޑަރުން ވަނީ، އެ ޕްލާންޓު އަނގުރާ ޔޫކްރެއިނާ ހަވާލު ކުރުމަށް ގޮވައިލާފައެވެ. ނަމަވެސް، ރަޝިޔާއިން އެ ގޮވައިލުމަށް އިޖާބަ ދޭނެ ކަމަކަށް ނުބެލެވެއެވެ.
ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ އެމެރިކާއިން އިސްވެ އޮވެ، ނޭޓޯގެ ބާރާއި ނުފޫޒު ޔޫކްރެއިނަށް ފޯރުވަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ނަމުގައެވެ. މި ހަނގުރާމައަށް މިހާރު ވަނީ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައެވެ.