ކުޅިވަރު

ޔޫގެންޑާ ބަލިކޮށް ޓީޓީ އަންހެން ޓީމު ސެމީއަށް


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ޔޫގެންޑާ ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ޓީޓީގެ ތާރީޚުގައި މި ފެންވަރު މުބާރާތެއްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ގްރޫޕުގެ ފަހު މެޗުގައި ޓީޓީ އަންހެން ޓީމު ޔުގެންޑާ ބަލިކުރީ ސީދާ ތިން ގޭމުންނެވެ. އަދި މި ނަތީޖާއާއެކު ރާއްޖެއިން ސެމީއަށް ދަތުރުކުރީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ތުރުކީއެވެ.

ބުދަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ގޭމު ރާއްޖެއަށް ލިބުނުއިރު، މި ގޭމު ރާއްޖެއަށް ލިބުނީ ޔޫގެންޑާ ޓީމުގައި ދެ ކުޅުންތެރިން ތިބުމުން، އެއް ގޭމު އެ ޓީމުން ދޫކޮށްލަން ޖެހުމާ ގުޅިގެންނެވެ. އަދި ދެވަނަ ގޭމުގައި ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީ ކުޅެންއެރިއިރު، ދީމާ ވަނީ ސީދާ ތިން ސެޓުން މި ގޭމު ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދީމާ ކާމިޔާބުކުރީ 11-02، 11-04 އަދި 11-02 އިންނެވެ.

ފަހު ގޭމުގައި ރާއްޖޭގެ ދީމާ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާ ކުޅުނުއިރު، މި ގޭމުވެސް ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 11-05، 11-06 އަދި 11-04 އިންނެވެ.

މި މުބާރާތުގެ ސެމީއަށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ޖިބޫޓީ ބަލިކުރި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ތުރުކީ އަތުން ބަލިވެފައެވެ.

ބުދަ ދުވަހު ކުޅުނު މެޗުން މޮޅުވެ ސެމީގެ ޖާގައެއް އަންހެން ޓީމުން ހޯދިއިރު، ފިރިހެން ޓީޓީ ޓީމުންވެސް ވަނީ އެ ދުވަހު މެޗެއް ކުޅެފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށްގެން ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު ރާއްޖެއަށް އޮތް ނަމަވެސް، އެ މެޗުން 3-2 ގޭމުން ރާއްޖެ ވަނީ ބަލިވެފައެވެ.