ކުޅިވަރު

ލިލް ދޫކޮށް އޮނާނާ އެވަޓަންއަށް ސޮއިކޮށްފި


ފްރެންޗް ލީގުގެ ލިލްއަށް ކުޅެމުން އައި އަމަޑޫ އޮނާނާ، އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ސޮއިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮނާނާ އެވަޓަންއަށް ސޮއިކޮށްފައިވަނީ 33 މިލިޔަން ޕައުންޑުގެ އަގަކަށެވެ. ބެލްޖިއަމަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އޮނާނާ ވަނީ ޕްރިމިއާ ލީގުގައި އެވަޓަން އާއި ޗެލްސީ ބައްދަލުކުރި މެޗު ބަލާލުމަށް ގުޑިސަން ޕާކަށްވެސް ގޮސްފައެވެ.

އޮނާނާ އެވަޓަންއަށް ސޮއިކުރިއިރު، އޭނާ ހޯދުމަށް ވެސްޓް ހޭމް ޔުނައިޓެޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެވަޓަންއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އޮނާނާ ބުނީ އެ ކުލަބަށް ސޮއި ކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެވަޓަންއަކީ އިންގްލަންޑުގައި ފާހަގަކޮށްލެވޭ ބޮޑު ކުލަބެއް ކަމަށާއި، އެފަހަދަ ކުލަބަކަށް ދިޔުމަށް އޭނާ އަބަދުވެސް ބޭނުންވި ކަމަށްވެސް ވަނީ ބުނެފައެވެ.

އޮނާނާއަކީ އައު ސީޒަނަށް އެވަޓަންއަށް ސޮއިކުރި ފަސްވަނަ ކުޅުންތެރިޔާއެވެ. އޮނާނާ ބުނީ އޭނާ އެވަޓަން ދިޔުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލބުގެ ކޯޗު ފްރޭންކް ލަމްޕާޑް ކަމަށެވެ. އަދި އެވަޓަންގެ ހުރިހާ އެންމެންގެ ފަރާތުން އޭނާ އެ ކުލަބަށް ގެނައުމަށް ބޭނުންވެފައިވި މިންވަރު ހާމަކޮށްދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.