ޚަބަރު

ސްކޫލް ފީ ވެސް ނުދެއްކޭ ވަރަށް ދަރަނިވެރިވި : އާމިރު ޚާން


ދާދިފަހުން ދިން އިންޓަވިއުއެއްގައި ބޮލީވުޑް އެކްޓަރު އާމިރުޚާންގެ ކުޑައިރުގެ ހަނދާން އާކުރަމުން އޭރު އެނާ އާއި ހަގަށް ތިބި ކޮއްކޮމެންގެ ސްކޫލް ފީ ވެސް ނުދެއްކޭކަމަށް އޭނާ ބުނެފިއެވެ.

ފީ ނުދެއްކުމުން އެސަމްބްލީގައި އެމީހުންގެ ނަން ޕްރިންސިޕަލް އިއުލާނުކުރާ ކަމަށާއި ނަމަވެސް ނަން އިއުލާނުކުރަނީ އިންޒާރު ދިނުމަށްފަހުގައިކަމަށްވެސް އާމިރު ބުންޏެވެ.

އާމިރަކީ ފިލްމު ޕްރޮޑިއުސަރު ތާހިރު ހުސައިން އާއި އަންހެނުން ޒީނާތު ހުސައިންގެ ދަރިއެކެވެ. އޭނާ އަކީ އޭނާގެ އެއްބަނޑު އެއްބަފާ 4 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އާމިރުގެ އިތުރުން އެ އާއިލާގައި ތިބެނީ ފައިސަލް ޚާން، ފަރުހަތު ޚާން، އަދި ނިހާތު ޚާން އެވެ.

ދަރަނިވެރިވެގެން ގާތްގަޑަކަށް 8 އަހަރު އޭނާގެ އާއިލާއަށް އުޅެން ޖެހުނު ކަމަށް އާމިރު ބުންޏެވެ. މިވާހަކަތައް ދެއްކިއިރު އާމިރު އިނީ ފެންކަޅިވެފައެވެ.

އާމިރު އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 1973 ވަނަ އަހަރު ދެއްކި ފިލްމު "ޔާންދޯކި ބާރާތް" އިންނެވެ. އޭގައި އާމިރު ފެނުނީ ކުޑަކުއްޖެއްގެ ރޯލުންނެވެ. އޭގެފަހުން އާމިރު އެންމެ ފުރަތަމަ ކުޅުނު ބޮލީވުޑް ފިލްމަކީ 1988 ވަނަ އަހަރު ކުޅުނު ފިލްމު "ގަޔާމަތް ސޭ ގަޔާމަތް ތަކް" އެވެ. މި ފިލްމުގައި އާމިރު އާއިއެކު ދެން ފެނުނީ ޖޫހީ ޗައުލާއެވެ.

ބައްޕަ ތާހިރު ޑައިރެކްޓުކޮށްފައި ވަނީ އާމިރުގެ އެންމެ ފިލްމެކެވެ. އެއީ 1990 ވަނަ އަހަރު ދެއްކި "ތުމް މެރޭ ހޯ" އެވެ. އާމިރު ވަނީ އޭނާގެ ފިލްމީ ހަޔާތުގައި މިހާތަނަ އައިއިރު ގިނަ ފިލްމުތަކެއް ކުޅެ، އެވޯޑްތަކެއްވެސް ހޯދާފައެވެ.

"ރާޚް"، "ދިލް"، "ރާޖާ ހިންދުސްތާނީ"، "ސަރފަރޯޝް"، "ލަގާން"، "ރަންގް ދޭ ބަސަންތީ"، "ތާރޭ ޒަމީން ޕަރް"، "ޣާޖިނީ"، "3 އިޑިއަޓްސް" ، "ދޫމް 3"، "ޕީކޭ" އަދި "ދަންގަލް" ފަދަ ފިލްމުތަކަކީ އާމިރުގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

ސަޕޯޓަރުންނަށް އާމިރު ދެން ފެނިގެންދާނީ 4 އަހަރު ފަހުން އޭނާ ކުޅޭ ފުރަތަމަ ފިލްމް ކަމަށްވާ "ލާލް ސިންގް ޗައްދާ" އިންނެވެ. އަދުވައިތު ޗަންދާންގެ އިސްވެރިޔާގެ ދަށުން "ލާލް ސިންގް ޗައްދާ" އަކީ 1994 ވަނަ އަހަރު ރިލީޒްކުރި އެކެޑެމީ އެވޯޑް ލިބުނު ފިލްމު ފޮރެސްޓް ގަމްޕްގެ ރަސްމީ ހިންދީ އެޑެޕްޓޭޝަނެވެ. މި ފިލްމުގައި ކަރީނާ ކަޕޫރާއި މޯނާ ސިންގް އަދި ނާގާ ޗައިތަންޔާ ވެސް ފެނިގެންދާނެއެވެ.