ކުޅިވަރު

މަހިބަދޫ އަތުން ބީޖީއަށް ހަނި މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބު އަތުން ބީޖީ ސްޕޯޓްސް ކުލަބު ހަނި މޮޅެއް ހޯދައިފިއެވެ.

ހޯމަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ބީޖީ ކާމިޔާބުކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބީޖީ ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިޔަށް ޖެހިލައިގެން މަހިބަދޫ އަށް ބާރުބޮޑުކޮށްފައެވެ. އެއާއެކު މަހިބަދޫ ޓީމުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެން މަޖުބޫރުވި އެވެ. އޭގެ ފައިދާ ނަގައިގެން ބީޖީ ގެ ހަމައެކަނި ލަނޑު މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އިސްމާއީލް އެވެ.

މި ލަނޑަށްފަހު މަހިބަދޫން އިން ވަނީ ކުރިޔަށް ޖެހި ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ. ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ބޯޅަ ނިންމާލުމުގައި މައްސަލަތަކެއް ކުރިމަތިވިއެވެ.

މި މޮޅާއެކު ބީޖީ އޮތީ ގްރޫޕް ދޭއްގެ ތާވަލުގެ ފަސްވަނައިގައި ހަތް ޕޮއިންޓާއެކު އެވެ. އެ ޓީމާ ޖެހިގެން ހަތަރު ވަނައިގައި އޮތީ ދިހަ ޕޮއިންޓާއެކު އެވެ.

މެޗުން ބަލިވި މަހިބަދޫ އޮތީ ތާވަލުގެ ހަތްވަނައިގައި ތިން ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ އެއްވަނައިގައި އެލްޓީ ސްޕޯޓްސް އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ނިއު ރޭޑިއަންޓް އޮތީ 12 ޕޮއިންޓާއެކު އެވެ.