ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ އަނަންތަރާއިން ހޯދައިފިއެވެ.
ތިން ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ގްރޫޕް ސީ ގެ ދެވަނަ ޓީމުގެ ގޮތުގައި އަނަންތަރާ ކުއާޓާފައިނަލުން ޖާގަ ހޯދީ ތިން ޓީމު ހިމެނޭ ގްރޫޕުގައި ކޯމޯ ކޮކޯ އާއި ދެކޮޅަށް ކުޅުނު ނޮކައުޓް މެޗު ކާމިޔާބުކޮށްގެންނެވެ.
ކޯމޯ ކޮކޯ އަތުން އަނަންތަރާ މި މެޗު ކާމިޔާބުކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަނަންތަރާ ގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ސާޖިދު ޝަކީބާއި އަހުމަދު ހުމެއިދުގެ އިތުރުން މޫސާ ޒައިދާން އާއި ޝުޖާއު އަލީ އެވެ. އެ ޓީމުގެ ފަސްވަނަ ލަނޑަކީ ކޯމޯ ކޮކޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި ކޯމޯ ކޮކޯގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނަސީރާއި އަނީސް އަލީގެ އިތުރުން އަހުމަދު ޝަހީން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ އަހުމަދު ހުމެއިދެވެ.
މީގެއިތުރުން ހޯމަދުވަހު ދެން ކުޅުނީ ގްރޫޕް ބީ ގައި ވެލައްސަރާއި ފިހާޅޮހި ބައްދަލުކުރި މެޗެވެ. މި މެޗު 7-5 އިން ފިހާޅޮހި ކާމިޔާބުކުރި އިރު މި ދެ ޓީމުވެސް ވަނީ ކުއާޓާގެ ޖާގަ ހޯދާފައެވެ.
މި ގްރޫޕުން ފިހާޅޮހި ކުއާޓާއަށް ދިޔައީ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވެލައްސަރު ދިޔައީ ތިންވަނަ ޓީމުގެ ގޮތުގައެވެ.
ކްރޮސްރޯޑްސްގައި މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ޖުމްލަ 11 ޓީމާއެކުއެވެ. މި މުބާރާތް މި ޒޯނުގައި މި ފަހަރު ބާއްވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. .
އެންމެފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ކަނޑޫމާ އެވެ.
ރިސޯޓު ލީގު ސައުތު މާލޭ ޒޯނުގެ ކުއާޓާފައިނަލް މެޗުތަށް ފެށުމަށް ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގައެވެ. އަދި ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.