ވިޔަފާރި

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ފަންޑިންގ ޕްރޮގްރާމްތަކެއް ތައާރަފުކޮށްފިއެވެ.

އެކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އެލައިޑް ކޮމިއުނިޓީ ފަންޑް" އާއި "އެލައިޑް އެޑިޔުކޭޝަން ފަންޑް" ތައާރަފުކޮށްދެއްވީ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް"އަކީ 6 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މިފުރުސަތަށް އެދި 31 އޮގަސްޓް 2022، 1600ގެ ކުރިން އީމެއިލް (([email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ޕްރިމިއަމް ފޯ ގުޑް އޮނިގަނޑަށް އަލަށް އިތުރުވި ދެވަނަ ފަންޑިންގ ޕްރޮގްރާމް؛ "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ. އެގޮތުން މިޕްރޮގްރާމް މެދުވެރިކޮށް ފަންޑިންގއަށް އެދުމަށް ހުރި ފުރުސަތުތަކަކީ ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތައްކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ. މިފުރުސަތަށް އެދި 31 އޮގަސްޓް 2022، 1600ގެ ކުރިން އީމެއިލް (([email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ އެލައިޑް ފަންޑިންގ ޕްރޮގްރާމްސް އަކީ އެލައިޑުން ވަރަށް އުއްމީދާއި އެކު ރާވަމުން އައި ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް ވެސް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުމެވެ. އެހެންކަމުން އެލައިޑުން މިތައާރަފުކުރި ފަންޑިންގ ޕްރޮގްރާމްސް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ހިންގުމުގެ މަގުސަދެއް ކަމުގައި ފިރުޝާން ފާހަގަ ކުރެއްވިއެވެ. އަދި މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު www.allied.mv އިން ލިބޭނެ ކަމުގައި ފިރުޝާން ވިދާޅުވިއެވެ.

2018 ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫ.އެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.