ދުނިޔެ

ރަޝިޔާއިން ސޫރިޔާއަށް ދެމުންދާ ޙަމަލާތަކުގެ މައްސަލަ


ރަޝިޔާއިން ސޫރިޔާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މި މައްސަލައަށް ސިޔާސީ ހައްލެއް ގެނައުން ދަތިވެފައިވާކަމަށް އިގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ ފިލިޕް ހެމޮންޑް ވިދާޅުވެއްޖެއެވެ.ހެމޮންޑް ވިދާޅުވީ ސުލްޙައިގެ މަޝްވަރާތަކުގައި ރަޝިޔާ އިން ބައިވެރިވަމުންދާ ކަމަށެވެ. ނަމަވެސް، ސޫރިޔާގެ ގިނަ މައްސަލަތަކުގެ އަސްލަކީ އެޤައުމުގެ ރައީސް ބައްޝާރުލް އަސަދު ކަމަށާއި އަސަދުގެ ދިފާއުގައި ރަޝިޔާއިން ދައްކަމުންދާ ވާހަކަތަކާއި ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރަޝިޔާގެ ނިޔަތާއި މެދު ސުވާލު އުފެދޭކަމަށެވެ. އަދި، އެ ޙާލަތުގައި މަޝްވަރާތަކުގައި ބައިވެރިވުމަކީ ބޭކާރު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. ރަޝިޔާގެ ޙަމަލާތަކުގައި އާންމު ރައްޔިތުންނަށް ސީދާ ޙަމަލާތަކެއް ދެމުންދާކަމަށް ހުޅަނގުން ބުނެފައި ވީ ނަމަވެސް، ރަޝިޔާއިންވަނީ އެކަން ދޮގުކޮށްފައެވެ. އަދި، ސޫރިޔާގެ މައްސަލައާއި މެދު އެމެރިކާއިން ގެންގުޅޭ ވިސްނުމަކީ ކުށް ވިސްނުމެއް ކަމަށާއި، އެޤައުމުގެ ކުރިމަގާއިމެދު ނިންމުންތަކެއް ނިންމާނީ އެޤައުމުގެ ރައްޔިތުންކަމަށްވެސް ރަޝިޔާ ދަނީ ދައުވާކުރަމުންނެވެ. ހުޅަނގުގެ ޤައުމުތަކުން ދަނީ ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ އެޤައުމުގެ ވެރިކަން އަސަދު ދޫކުރުން ކަމަށް ބުނަމުންނެވެ.