ޚަބަރު

ޔޫކްރެއިނުން ގޮވާން ބަރުކޮށްގެން ހަތަރުވަނަ ބޯޓު ފުރައިފި


ފެބުރުއަރީ 24 އިން ފެށިގެން ބަންދުކޮށްފައި އޮތް ޔޫކްރެއިނުގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް ބަރުކޮށްގެން ހަތަރުވަނަ ބޯޓެއް ފުރައިފިއެވެ. ބްލެކް ސީގައިވާ ޔޫކްރެއިނުގެ ބަނދަރުތައް ބަންދުކޮށް، އެ ޤައުމުން މުދާ ބޭރުކުރުން ހުއްޓިފައި ވަނީ ރަޝިޔާ ސިފައިން އެ ޤައުމަށް އަރައި، ފަށާފައިވާ ހަނގުރާމައާ ގުޅިގެންނެވެ.

މި ކަމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތައް މަދުވެ، ތަކެތީގެ އަގުތައް އުފުލިގެން ދިޔައެވެ. އަދި، އެތައް މިލިޔަން ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެރިކަން ކުރިމަތިވިއެވެ. ޔޫކްރެއިނުގެ ބަނދަރުތަކުން ގޮވާން އެކްސްޕޯޓު ކުރުމުގެ މަސައްކަތް އަލުން ފަށާފައި މި ވަނީ އ.ދ.އާއި ތުރުކީވިލާތުން ގުޅިގެން އެ ދެ ޤައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔޫކްރެއިނުގެ ބަނދަރުތަކުން ހަތަރު އާގުބޯޓު ފުރާފައި ވަނީ 170,000 ޓަނުގެ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެންނެވެ. ޔޫކްރެއިނުގެ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އޮލެކްޒެންޑަރ ކުބްރަކޯފް ވިދާޅުވީ، މަހެއްގެ މައްޗަށް 100 އުޅަނދަށް މުދާ ބަރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ބްލެކް ސީގައިވާ ޕިވްޑެނީ ބަނދަރު ހުޅުވުމަށް ވެސް ޔޫކްރެއިނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ތަނުގެ މަސައްކަތްތައް ފަށައިގަތުމުން، މަހެއްގެ މައްޗަށް 3 މިލިޔަން ޓަނުގެ މުދާ އެކްސްޕޯޓް ކުރުމުގެ ދޮރު ޔޫކްރެއިނަށް ހުޅުވިގެން ދާނެއެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ އެންމެ ގިނަ އަދަދަކަށް ގޮވާމުގެ ބާވަތްތައް ހައްދައި އެކްސްޕޯޓް ކުރާ ދެ ޤައުމެވެ. ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނުން ދިޔައީ މަހެއްގެ މައްޗަށް 6 މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރަމުންނެވެ.