ކުޅިވަރު

ވެލެންސިއާގެ ގުއެޑޭސް ވުލްވްސްއަށް ބަދަލުވަނީ


ސްޕެނިޝް ލީގުގެ ވެލެންސިއާއަށް ކުޅެމުން އަންނަ ގޮންކާލޯ ގުއެޑޭސް، އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްއަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވުލްވްސްއިން ގުއެޑޭސް ގެންދިއުމަށް ހަމަޖެހިފައިވަނީ 27.5 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އުމުރުން 25 އަހަރުގެ ގުއެޑޭސް ހޯމަ ދުވަހުގެ ވަގުތެއްގައި މެޑިކަލް ހެދުމަށް އިނގިރޭސިވިލާތަށް ދަތުރު ކުރާނެ ކަމަށާއި، އެއަށްފަހު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ގުއެޑޭސް ގެންދިއުމުގެ މަސައްކަތް ވުލްވްސްއިން މީގެ ކުރިންވެސް ކުރި ނަމަވެސް އެ ޓީމުގެ ފޯވާޑް ރައުލް ހިމެނޭޒްއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިހާރު ގުއެޑޭސް ބޭނުންވަނީ އިތުރުވެފައެވެ. މި ފަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވުލްވްސްގެ ކުރިއަށް ކުޅުނީ ހުވާންގް ހީ ޗޭންއެވެ. ނަމަވެސް ލީޑްސް އަތުން ބަލިވި މެޗުގައި އޭނާއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޕޯޗުގަލަށް ނިސްބަތްވާ ގުއެޑޭސް އޭނާގެ ކެރިއަރު ފަށާފައިވަނީ ބެންފީކާއިންނެވެ. އަދި އެއަށްފަހު ޕީއެސްޖީއަށްވެސް ވަނީ ކުޅެފައެވެ. އޭނާ ވެލެންސިއާއަށް ބަދަލުވެފައިވަނީ 2017 ވަނަ އަހަރު އެންމެ ފުރަތަމަ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ޖެހިގެން އައި އަހަރު ވެލެންސިއާއިން ވަނީ އެއްބަސްވުން ދާއިމީކޮށްފައެވެ.