ދުނިޔެ

ކިޔުބާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލައިފި


އެމެރިކާއިން ކިޔުބާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ގޮވާލައްވައިފިއެވެ.ފަރަންސޭސިވިލާތަށް މިހާރު ވަޑައިގެން އުޅުއްވާ ކިޔުބާގެ ރައީސް ރައޫލް ކާސްޓްރޯއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮލާންދް ވިދާޅުވީ ކިޔުބާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލަންޖެހޭކަމަށާއި އެފިޔަވަޅުތައް ދެމެހެއްޓުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތް ކަމަށެވެ. ކާސްޓްރޯއާއި އޮލާންދްގެ މަޝްވަރާތަކުގައި އެ ދެބޭފުޅުންވަނީ ކިޔުބާއާއި ފަރަންސޭސިވިލާތް އިޤްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާއި އަދި ސިޔާސީ ގޮތުން ގުޅުންތައް ބަދަހިކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ.ފަރަންސޭސިވިލާތުން ވަނީ އެޤައުމުން ކިޔުބާއާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް މީގެ 24 އަހަރު ކުރިން އުވާލާފައެވެ. އެމެރިކާއިންވެސް ވަނީ ކިޔުބާއާއިމެދު ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ކިޔުބާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކޮށްފައެވެ. ނަމަވެސް ކިޔުބާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލެވެނީ އެމެރިކާގެ ކޮންގްރެސްގައި ތިއްބަވާ ހަރުކަށި ޚިޔާލުގެ ބޭފުޅުންގެ އެއްބާރުލެއްވުން ނުލިބޭތީ ކަމަށް ޚަބަރުތައް ބުނެއެވެ.