ޚަބަރު

ކިޔުބާގެ ތެޔޮ ރައްކާކުރާ ބަނދަރެއްގައި ރޯވެ، އަނދަނީ


ކިޔުބާގައި ތެޔޮ ބަރުކޮށް، ރައްކާކުރާ ބަނދަރެއްގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑު ނިއްވައިލުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. ރޯވެފައި ވަނީ ވެރިރަށް ހަވާނާގެ އިރުމަތީގައި އޮންނަ މަޓަންޒާސް ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ދެ ޓޭންކެއްގައެވެ. އެ ތަނުގައި ހުރި ޓޭންކެއްގައި ރޯވެފައި އޮގަސްޓު 5 ވަނަ ދުވަހު، އެ ސަރަޙައްދަށް ގުގުރުމާއެކު އެރި ބާރުގަދަ ތޫފާނެއްގައި ހޮނުއެޅުމުގެ ސަބަބުންނެވެ.

މަޓަންޒާސް ބަނދަރުގައި ހުންނަ ތެޔޮ ރައްކާކުރާ އަށް ޓޭންކުގެ ތެރެއިން އެއް ޓޭންކަށް ހޮނުއެޅުމުގެ ސަބަބުން ބާރުގަދަ ގޮވުމެއް ގޮވާފައިވެއެވެ. އަދި، އެ ތަނުގައި ރޯވި އަލިފާންގަނޑު ފެތުރި، ދެވަނަ ޓޭންކެއްގައި ހުޅި ހިފައި، އަނދަން ފެށިއެވެ. މި ހާދިސާއާ ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ ހާހަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ދެވަނަ ޓޭންކުގައި ރޯވެ، ބާރުގަދަ ގޮވުމެއް ގޮވައި 121 މީހަކު ޒަޚަމްވި ކަމުގައި ކިޔުބާއިން ބުނެއެވެ. މީގެ ތެރެއިން 36 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު، މީގެ ތެރެއިން ފަސް މީހަކަށް ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ޒަޚަމްތަކެއް ލިބިފައެވެ. އަދި، ފުރަތަމަ ޓޭންކުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ހަރަކާތްތެރިވި އަލިފާން ނިންވާ މީހުންގެ 17 މީހަކު އަދިވެސް ނުފެނެއެވެ.

ތެޔޮ ރައްކާކުރާ ބަނދަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގައި އެހީތެރިވުމަށް މެކްސިކޯގެ އިތުރުން ވެނެޒުއެލާއިން ވެސް ވަނީ ޓީމުތައް ފޮނުވާފައެވެ. އަދި، އެމެރިކާއިން ވަނީ، އަލިފާން ނިއްވުމަށް ކުރަމުންދާ މަސައްކަތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ބުނެފައެވެ.

މީގެ އިތުރުން ރަޝިޔާއާއި ޗިލޭއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. އަދި، ކިޔުބާގެ ރައީސް މިގޭލް ޑިއާޒް-ކަނޭލް ވަނީ އެ ޤައުމުތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އޭނާވަނީ، ފުރަތަމަ ޓޭންކުގައި ރޯވުމާ އެކު، އެ ތަނަށް ޒިޔާރަތް ކުރައްވައި، އަލިފާން ނިއްވުމަށް ކުރަމުންދިޔަ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.

މަޓަންޒާސް ބަނދަރުގައި ރޯވެފައިވާ އަލިފާންގަނޑުގެ ދުންގަނޑު މިހާރު ވަނީ ވެރިރަށް ހަވާނާއާ ހަމައަށް ފޯރާފައެވެ. އަދި، މި ކަމާ ގުޅިގެން "އެސިޑް ވާރޭ" ވެހިދާނެ ކަމުގެ ބިރު އޮތުމުން، ކިޔުބާއިން ވަނީ ހަވާނާގެ ރައްޔިތުންނަށް ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވެފައެވެ. އެ ބަނދަރުގައި ހުންނަ ކޮންމެ ތެޔޮ ޓޭންކެއްގައި 300,000 ފީފާގެ ތެޔޮ ރައްކާކުރެވޭނެއެވެ.