ޚަބަރު

ދެ ދުވަހުގެ ތެރޭގައި 24 މުސްލިމުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮން އަޅައި، ދެ ދުވަހުގެ ތެރޭގައި މުސްލިމުންގެ 24 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ ވަރުގަދަ ވައިގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، މި އުދުވާންތަކުގައި 203 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ބުނީ، ހަ ކުޑަކުއްޖަކު މަރުވެފައި ވަނީ ޖަބަލިޔާ ރެފިޔުޖީ ކޭމްޕު ކައިރިއަށް ޔަހޫދީން ބޮންއެޅުމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް، ޔަހޫދީންގެ ދަޢުލަތުން މި ކަން ދޮގު ކުރެއެވެ. ބުނީ، ރެފިޔުޖީ ކޭމްޕުގައި ގޮވާފައި ވަނީ އިސްލާމިކް ޖިހާދު ޖަމާޢަތުން އިސްރާޢީލަށް ހަމަލާދޭން ބޭނުން ކުރި ރޮކެޓެއް ކަމުގައެވެ.

ޔަހޫދީންގެ ދަޢުލަތުން ބުނީ، އެ މީހުންގެ އުދުވާންތަކުގައި ހަމަލާތައް އަމާޒު ކުރަމުން ދަނީ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ހަތިޔާރު ގުދަންތަކާއި، އެ ޖަމާޢަތަށް ނިސްބަތްވާ މީހުން ތިބި ޢިމާރާތްތަކަށް ކަމުގައެވެ. މި އުދުވާންތަކުގެ ރައްދުގައި އިސްލާމިކް ޖިހާދުން ވެސް ދަނީ އިސްރާޢީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދެމުންނެވެ. މި ގޮތުން، އިސްރާޢީލަށް އަމާޒުކޮށް މިހާތަނަށް 400 ރޮކެޓް ފޮނުވައިލާފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ޔަހޫދީންގެ އުދުވާންތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ގޮތުން މިޞްރުގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ މޭޖަރ ޖެނެރަލް އަޙްމަދު ޢަބްދުލްޚާލިދު ވަނީ އިސްރާޢީލަށް ދަތުރުކޮށް، މަޝްވަރާތައް ފަށާފައެވެ. އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހަމަލާ ބަދަލު ކުރުން ހުއްޓުވައި، ދެ ފަރާތުގެ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ފެށުމަށެވެ. ނަމަވެސް، މި މަސައްކަތަށް އަދި އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބެއެވެ.

އެމެރިކާއިން ވެސް ވަނީ ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ގޮވައިލާފައެވެ. ނަމަވެސް، އެމެރިކާއިން މި ކަމުގައި ދިފާޢު ކުރަނީ ޔަހޫދީންނެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ މީހުންނަށް އޮތް ހައްޤެއް ކަމުގައެވެ. ފަލަސްތީނުގެ މުސްލިމުންގެ ހައްޤުތަކުގެ ވާހަކައެއް ނުދެއްކިއެވެ.

ޔަހޫދީންނާއި ޣައްޒާގެ މުސްލިމުންނާ ދެމެދު ނުތަނަވަސް ކަން އިތުރުވެ، ހަމަލާ ބަދަލު ކުރަން ފެށީ، ޔަހޫދީން ދިން ވަރުގަދަ ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. އަދި، ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި، ޔަހޫދީންގެ ފައުޖުތަކުން ވަނީ އެ ޖަމާޢަތުގެ އެހެން ލީޑަރެއް ހައްޔަރު ވެސް ކޮށްފައެވެ. ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެ ޖަމާޢަތަށް ނިސްބަތްވާ 19 މީހަކު ހައްޔަރު ކޮށްފައިވެއެވެ.

މި އުދުވާންތައް ފެށުމުގެ ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް ވަދެނިކުމެ ހަދަން އޮތް ހުރިހާ މަގެއް ބަންދުކޮށް، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނުން އެ ތަނުގައި ދިރިއުޅޭ 2.3 މިލިޔަން މުސްލިމުން މަހުރޫމް ކޮށްފައެވެ.

ޣައްޒާ ބަންދު ކުރުމާ އެކު، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޖީނުގެއަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. އަދި މިއާއެކު، އެ ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑުން މި ވަނީ ގާތްވެފައެވެ. ޣައްޒާގެ ރައްޔިތުން ކަރަންޓުގެ ޚިދުމަތް މިހާރު ލިބެނީ އެންމެ އަށް ގަޑިއިރަށެވެ.

ޔަހޫދީންގެ މި އުދުވާންތަކަކީ، އަންނަ ނޮވެންބަރު މަހު އެ ޤައުމުގައި ބާއްވާ އިންތިޚާބާ ގުޅުވައިގެން ފަށާފައިވާ އުދުވާންތަކެއް ކަމުގައި ބެލެވެއެވެ. މީގެ ކުރިން ވެސް، އިންތިޚާބުތަކާ ދިމާކޮށް، ޔަހޫދީން ވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ބޮން އަޅައި، ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ސަތޭކަ މުސްލިމުންނެއް ޝަހީދު ކޮށްލާފައިވެއެވެ.