ޚަބަރު

ސުޕްރީމް ކޯޓުން ޤާނޫނުލްޢުޤޫބާތައް އިޞްލާޙް ހުށައަޅުއްވަނީ


މިހާރު ޢަމަލުކުރައްވަމުންދާ ޤާނޫނުލްޢުޤޫބާތުގައި ހުރި ބައެއް މައްސަލަތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާހަގަކުރައްވައި، އެކަން ދައުލަތުގެ ބަންޑާރަ ނައިބާ ޙިއްޞާ ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުން މިކަން ބަންޑާރަ ނައިބާ ޙިއްސާ ކުރައްވައިފައިވަނީ އިއްޔެ ބޭއްވި މަލްޓި ސްޓޭކް ހޯލްޑަރ ޖުޑީޝަލް ލޯ ރިފޯމް ކޮމިޓީގެ ބައްދަލުވުމުގައެއެވެ.މިބައްދަލުވުމުގައި ވަނީ ޤާނޫނުލް އުޤޫބާތައް ގެންނަން ފެނިވަޑައިގަންނަވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެއްވޭ އިސްލާޙްތައް ބަންޑާރަނައިބަށް ހުށައަޅުއްވައި، އެކަންކަން ޤާނޫނުލް އުޤޫބާތަށް އިތުރު ކުރެއްވުމާމެދު މަޝްވަރާ ކުރައްވައިފައެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން މިހާރު ޑްރާފްޓް ކުރައްވައިފައިވާ މަދަނީ އިޖްރާޢަތުގެ ބިލުގެ ތެރޭގައި މިހާރު ޢަމަލުކުރައްވަމުންދާ ބައެއް އިޖްރާޢަތްތައް ހިމެނިފައިނުވާތީ، ޑްރާފްޓް ކުރައްވައިފައިވާ ބިލުގައި މި އިޖްރާޢަތްތައް ހިމެނުއްވުމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ބަންޑަރަނައިބަށް ދަންނަވައިފައިވާކަމަށާއި، މި އިޞްލާޙްތައް ޑްރާފްޓަށް އިތުރުކުރެއްވުމަށް ކަމާބެހޭ ސަބް ކޮމިޓީއަކަށް ފޮނުއްވުމަށް މިބައްދަލުވުމުގައި ނިންމަވައިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތުދެއްވައެވެ.މީގެ އިތުރުން ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށް ސުޕްރީމް ކޯޓުން ގިނަގުނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާކަން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވަނީ ކޮމިޓީގެ މެންބަރުންނާ ޙިއްޞާ ކުރައްވައިފައެވެ.މަލްޓި ސްޓޭކްހޯލްޑަރ ޖުޑީޝަލް ސެކްޓަރ ލޯ ރިފޯމް ކޮމިޓީއަކީ ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި، މަދަނީ ޢަދުލުގެ ނިޒާމާއި، ޢާއިލީ އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ގެންނަވަންޖެހޭ އިޞްލާޙްތައް ގެންނެވުމަށް ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް އުފައްދަވައިފައިވާ ކޮމިޓީއެކެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާއި، ދައުލަތުގެ ބަނޑާރަނައިބާއި، ފްރޮސިކިއުޓަރ ޖެނެރަލާއި، ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ފޮލިހެވެ. މި ކޮމިޓީ ޗެއަރ ކުރައްވާނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރެވެ.