ޚަބަރު

ކާބުލްގައި ބޮމެއް ގޮއްވާލާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްކޮށްލައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާރޫބާރޫ ބޮޑު މަގެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި 22 މީހުން ޒަޚަމްވެއްޖެއެވެ. ބޮން ގޮއްވައިލާފައި ވަނީ ކާބުލްގައި ހުޅަނގުގައި އޮންނަ ޝީޢީން ދިރިއުޅޭ އަވަށެއްގައެވެ. އެއީ، ގިނަ އަދަދެއްގެ ބަސް ސްޓޭޝަން ވެސް ހުންނަ ސަރަޙައްދެކެވެ.

ތާލިބާނުންގެ ދާޚިލީ ވުޒާރާއިން ބުނީ، މި ހާދިސާ ތަހުޤީޤު ކުރުމަށް ޚާއްޞަ ޓީމެއް އެ ސަރަޙައްދަށް ފޮނުވާފައިވާ ކަމުގައެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.

އޮގަސްޓު 5 ގައި ވެސް ކާބުލްގައި ވަނީ ބޮމެއް ގޮއްވައިލައިގެން ވަރުގަދަ ހަމަލާއެއް ދީފައެވެ. އެ ހާދިސާގައި އަށް މީހުން މަރުވެފައި ވާއިރު، އައި.އެސް. ޖަމާޢަތުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައެވެ. މި ދެ ހަމަލާއާ ގުޅިގެން ތާލިބާނުން ވަނީ، ޝީޢީން ދިރިއުޅޭ ސަރަޙައްދުތަކާއި، ޝީޢީންގެ މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ޖުމުލަ އާބާދީ 39 މިލިޔަނަށް އަރާއިރު، މީގެ ތެރެއިން 10 އާއި 20 އިންސައްތައާ ދެމެދުގެ އަދަދެއްގެ ޝީޢީން ހިމެނޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަފްޣާނިސްތާނުގައި ބޮމުގެ ހަމަލާތަކެއް ދީފައި މި ވަނީ އާޝޫރާ ދުވަހާއި ގުޅުވައިގެން ކަމުގައި ބެލެވެއެވެ.