ޚަބަރު

ވައިޓް ހައުސް ކައިރިއަށް ހޮނުއެޅުމުގެ ސަބަބުން ތިން މީހުން މަރުވެއްޖެ


އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމުގައިވާ ވައިޓް ހައުސްގެ އުތުރުން އޮންނަ ލަފަޔެތް ޕާކަށް ހޮނު އެޅުމުގެ ސަބަބުން ފިހިގެން ތިން މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދެމަފިރިން ކަމުގައިވާ 76 އަހަރުގެ ޖޭމް މުލަރއާއި 75 އަހަރުގެ ޑޮނާ މުލަރ ހިމެނެއެވެ.

ވޮޝިންގްޓަން ޑީ.ސީ.ގެ ސަރަޙައްދަށް އެރި ތޫފާނެއްގައި ގުގުރުމާ އެކު ހޮނުއަޅާފައި ވަނީ ލަފަޔެތް ޕާކުގައި ހުރި ގަހަކަށެވެ. އެއީ، ވައިޓް ހައުސްއާ އިންވެގެން އޮންނަ ހަތް އޭކަރުގެ ބޮޑު ޕާކެކެވެ. ހޮނުއެޅުމުގެ ސަބަބުން ޖުމުލަ ހަތަރު މީހަކަށް ފުރާނައަށް ނުރައްކާވަރުގެ އަނިޔާތައް ލިބުނެވެ. އަދި، މި ހާދިސާގައި މަރުވެފައިވާ ތިންވަނަ މީހަކީ އުމުރުން 29 އަހަރުގެ މީހެކެވެ. ހޮނުއެޅުމުގެ ސަބަބުން ފިހުނު ހަތަރު ވަނަ މީހާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ހޮނުއެޅުމާ އެކު، ފިހުނު ހަތަރު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ހަރަކާތްތެރިވެފައި ވަނީ ވައިޓް ހައުސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސަރވިސްގެ އޮފިސަރުންނެވެ. އަދި، ވަގުތުން ހަތަރު މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ތިން މީހުން ވެސް މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާ ހިނގި ވަގުތު ވޮޝިންގްޓަން ޑީ.ސީ.ގައި ފިނިހޫނުމިން ހުރީ 34 ޑިގްރީ ސެލްސިއެސްގައެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެމެރިކާގެ އެކި ސަރަޙައްދުތަކަށް ކުރިމަތިވާ ހޮނުއެޅުމުގެ ހާދިސާތައް އިތުރުވަމުންދާ ކަމުގައި ސައިންސްވެރިން ބުނެއެވެ. 2006 އާއި 2021 ވަނަ އަހަރާ ދެމެދު ހިނގާފައިވާ ހޮނުއެޅުމުގެ ހާދިސާތަކުގައި އެމެރިކާގައި 444 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އެލޭސްކާއަށް ބަލައިލާއިރު، 1980ގެ އަހަރުތަކަށް ފަހު އެ ސަރަޙައްދަށް ހޮނުއަޅާ މިންވަރު 14 އިންސައްތަ އިތުރުވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި، ކެލިފޯނިޔާއަށް 2020ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި 14,000 އަށްވުރެ ގިނަ ފަހަރު ހޮނުއަޅާފައިވެއެވެ. ކޮންމެ އަހަރަކު 40 މިލިޔަން ފަހަރު އެމެރިކާގެ އެކި ސަރަޙައްދުތަކަށް ހޮނުއަޅާ ކަމަށް ރިކޯޑުތަކުން ދައްކައެވެ.