ކުޅިވަރު

ޖޫނިއަރ ބައިގެ ފައިނަލުން އާމިން ބަލިވީ ކުޑަ ތަފާތަކުން


ރާއްޖޭގައި ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ޖޫނިއަރ ބައިގެ ފައިނަލުން ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ކުޑަ ތަފާތަކުން ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ފައިނަލުގައި ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އަތުން އާމިން ބަލިވީ 0.90 ގެ ކުޑަ ތަފާތަކުންނެވެ. އެކަމަކު އާމިން ވަނީ ޖޫނިއާ ފައިނަލުގައި މި މުބާރާތުގައި އޭނާ މިހާތަނަށް ހެދި އެންމެ މަތީ ސްކޯވެސް ހޯދައިފައެވެ. ފައިނަލް ހީޓުގައި މޮލީނާ ވަނީ 13.00 ގެ ސްކޯއެއް ހޯދާފައެވެ. އާމިންއަށް ޖުމްލަ ހޯދުނީ 12.10 ގެ ސްކޯއެކެވެ.

ޖޫނިއާ ބައިގެ ފައިނަލް ހީޓު ބައްލަވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް ވަޑައިގެންފައެވެ. އަދި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި މުބާރާތުގެ ފައިނަލް ހީޓުތައް ހޮނިހިރު ދުވަހު ކުރިއަށްދިޔައިރު، ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ޑޭވިޑް ހާބަޑެވެ. އަދި ފިރިހެން ޑްރޮޕް-ނީގެ ޗެމްޕިއަންކަންވެސް ހާބާޑް ވަނީ ހޯދައިފައެވެ.

ފިރިހެން އޯޕަން ބައިގެ ފައިނަލުގައި ހާބާޑް ވާދަކުރީ އަމޯރީ ލަވާންހޭއާއެވެ. ފައިނަލް ހީޓުގައި ހާބާޑް ޖުމްލަ 14.50 ގެ ސްކޯއެއް ހޯދިއިރު، އަމޯރީއަށް ލިބުނީ 14.40 ގެ ސްކޯއެކެވެ.

މީގެ އިތުރުން މި މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ބްރެޒިލްގެ އިޒަބެލާ ސޫސާއަށެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އެލެގްޒެންޑާ ރިންޑާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި އިޒަބެލާ ވަނީ ޖުމްލަ 16.00 ގެ ސްކޯއެއް ހޯދާފައެވެ. އޭނާއާ ވާދަކުރި އެލެގްޒެންޑާއަށް ޖުމްލަ ލިބުނީ 9.75 ގެ ސްކޯއެކެވެ.

ރާއްޖޭގައި ކާމިޔާބުކަމާއެކު ވިޒިޓް މޯލްޑިވްސް ޕްރޯ ނިންމާލިއިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ބޮޑީބޯޑަރުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވަނީ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލާއި ޑްރޮޕް-ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ.