ދުނިޔެ

ޓެޑް ކްރުޒް އަޔޯވާ ސްޓޭޓްގެ ވޯޓުން ކުރިހޯއްދަވައިފި


އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވަމުންދާ ކެންޑިޑޭޓުންގެ މެދުގައި އަޔޯވާ ސްޓޭޓްގައި ނެގި ވޯޓް، ސެނެޓަރ ޓެޑް ކްރުޒް ކާމިޔާބު ކުރައްވައިފިއެވެ. ރިޕަބްލިކަން ޕާޓީގެ އަޔޯވާ ކޯކަސްގައި ކްރުޒް ވަނީ ވޯޓުގެ 28 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ކެމްޕޭން ރެލީތަކުގައި ހަރުކަށި ބަސްފުޅުތަކެއް ވިދާޅުވަމުންގެންދަވާ މަޝްހޫރު ވިޔާފާރިވެރިޔާ ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ކުރެއްވިފައިވަނީ ވޯޓުގެ 24 އިން ސައްތައެވެ. ކޯކަސްގެ 3 ވަނަ ހޯއްދަވާފައި ވަނީ ސެނެޓަރ މާކޯ ރޫބިޔޯއެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންވެސް ވަނީ މި ވޯޓު ނަގާފައެވެ. މި ވޯޓުން ހަނިގޮތަކަށް ކުރި ހޯއްދަވާފައި ވަނީ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަނެވެ. އަޔޯވާ ސްޓޭޓްގެ ވޯޓުގެ ނަތީޖާއަށްފަހު، ޓްރަމްޕް ވަނީ ކްރުޒްއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ކުރިއަށްއޮތް މިފަދަ ވޯޓުތަކުގައި ކްރުޒް ބަލިކުރެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.