އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޖޫންމަހުގެ 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 3 ވަނަ ފަހަރަށް އިތުރުކުރި މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާކަމަށެވެ.
މުޙައްމަދު އިސްމާއީލްގެ ބަންދައް ފުރަތަމަ ޖެހީ 5 ދުވަހުގެ މުއްދަތެކެވެ. އޭގެފަހުން 9 ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު ފަހުން ވަނީ 30 ދުވަހު މުއްދަތެއް ޖަހާފައެވެ.
މުޙައްމަދު އިސްމާއިލް ޙައްޔަރުކުރީ ޖޫން 21ވަނަ ދުވަހު ހެނދުނު ބޭއްވި ބައިނަލްއަޤްވާމީ ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް، އެތަނަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެންނެވެ. މުޙައްމަދު އިސްމާއިލްގެ މައްޗަށް ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަ ފޯރުކޮށްދިނުމުގެ ތުޙުމަތުވެސް ކުރެއެވެ.
މި މައްސައިގައި 20އަށްވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. އޭގެތެރެއިން ބައެއް މީހުން މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ.
ޔޯގާ ހަރަކާތަށް ހުރަސް އެޅުމަށް ހިންގި ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، އެކަން ހިނގައިދިޔަ ގޮތް ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ. މީގެއިތުރުން ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ފުލުހުން އިހުމާލުވެފައިވާއިރު އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށްވެސް ހާއްސަ ތަހުޤީޤެއް ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވެއެވެ.