ޚަބަރު

ބައެއް ދާއިރާތަކުން އެމެރިކާއާއެކު މަޝްވަރާކުރުން ހުއްޓާލަން ޗައިނާއިން ނިންމައިފި


އެމެރިކާއާ އެކު ބައެއް ދާއިރާތަކުން މަޝްވަރާކުރުމާއި ގުޅުން ބަދަހިކުރުން ހުއްޓައިލަން ނިންމާފައިވާ ކަމުގައި ޗައިނާއިން ބުނެފިއެވެ. މި ގޮތުން، އެމެރިކާއާ އެކު މަޝްވަރާ ކުރުމާއި ގުޅުން ބަދަހި ކުރުން ހުއްޓައިލާފައިވާ ދާއިރާތަކުގެ ތެރޭގައި އަސްކަރިއްޔާއާ ގުޅޭ ކަންކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކަމުގައި ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ޗައިނާއިން މި ގޮތަށް އަމަލު ކުރަން ނިންމާފައި މި ވަނީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ. ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާފައި ވަނީ ޗައިނާއިން ދެމުންދިޔަ އިންޒާރުތަކަށް ބެލުމެއް ނެތިއެވެ. އަދި، އޭނާގެ ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން މި ވަނީ ހީނަރުވެފައެވެ.

މޫސޫމީ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދިޔަ މަޝްވަރާތައް ހުއްޓައިލުމަކީ، މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްގެ ގޮތުގައި މޫސުމާ ގުޅޭ ކަންކަމަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޖޯން ކެރީ ވިދާޅުވިއެވެ. "ދެ ޤައުމެއްގެ ދެމެދުގައި ހިނގާ ދޭދޭ މައްސަލައަކާ ގުޅުވައި، މުޅި ދުނިޔޭގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތެއް ހުއްޓައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،". އަދި ޗައިނާގެ ނިންމުގެ ސަބަބުން އަދަބު ލިބޭނީ އެމެރިކާއަށް އެކަންޏެއް ނޫން. މުޅި ދުނިޔެއަށް މި ކަމުގެ ނޭދެވޭ އަސަރު ކުރާނެ" ކެރީ ވިދާޅުވިއެވެ.

ގުޅުން ބަދަހި ކުރުން ހުއްޓައިލާފައިވާ ދާއިރާތަކުގެ އިތުރު މަޢުލޫމާތު ހާމަ ކުރަމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ ބޯޑަރުތައް ހުރަސްކޮށް ކުރާ ކުށްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވެސް ހުއްޓައިލާފައިވާ ކަމުގައެވެ.