ޚަބަރު

މިއަހަރުގެ ދިރާސީ އަހަރު 92000އަށްވުރެ ގިނަ ދަރިވަރުންނާއެކު ފެށުމަށް އެޑިއުކޭޝަނުން ތައްޔާރު

ދިރާސީ އައު އަހަރުގެ ކިޔެވުން 92000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށަން ތައްޔާރުވެފައިވާއިރު މިއަހަރު ޖުމްލަ 217ސްކޫލެއްގައި ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ ނިމިގެން މިދިޔަ ބޮޑު ޗުއްޓީގައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުންވާ ފޮތާއި ޔުނިފޯމާއި ގުޅޭ ސާމާނު ސްކޫލްތަކަށް ފޯރުކޮށްދިނުމަށްވާންޖެހޭ ގިނަ ތައްޔާރީތަކެއްވަނީ ވެފައެވެ. އެއްވެސް މައްސަލައަކާއި ނުލާ މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނެކަމަށް މިނިސްޓްރީން އުއްމީދުކުރެއެވެ. މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށަނީ 92300 ދަރިވަރުންނާއެކުގައި ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށް ގޮސްނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން އެޑިއުކޭޝަނުން ފާހަގަކުރެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގައި ފެނިގެން ދިޔަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އެޑިއުކޭޝަނުން ފާހަގަކުރައްވަނީ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން މިއަހަރު ހަމަވެފައިވުމެވެ. މިފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ 8364 ޓީޗަރުންނާއެކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ. އެހެން އަހަރުތަކާއި ޚިލާފަށް ޓީޗަރުން ހޯދުމުގައި މިއަހަރު ދަތިތަކެއް ދިމާނުވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ސަބަބެއްކަމަށް އެމިނިސްޓްރީއިން ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލެވެ. މިއާއެކު ޓީޗަރުން ލިބުން މިއަހަރު ފަސޭހަވެފައިވާކަން އެމިނިސްޓްރީއިންވަނީ މީގެކުރިންވެސް ފާހަގަކުރައްވާފައެވެ.

ސްކޫލް ފެށުމަށް ތައްޔާރުވެފައިވާއިރު ހުރިހާ ސްކޫލްތަކަށް ފޮނުވަންޖެހޭ ޓެކްސްޓް ފޮތްތައް ފޮނުވާ ފޮތްތައް ހޮނިހިރު ދުވަހާއި ހަމައަށް ފޯރުކޮށް ނިމެނޭނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން ސްކޫލް މާދަމާ ފެށޭއިރު ދަރިވަރުންނަށް ބޭނުންވާ ހުރިހާ ސާމާނެއް ސްކޫލްތަކުގައި ހުންނާނެކަމުގެ ޔަގީންކަން އެޑިއުކޭޝަނުން ދެއެވެ. ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދޭ 217 ސްކޫލްގައި މާދަމާ ކިޔެވުން ފަށާއިރު ދަރިވަރުންނަށް މަރުޙަބާކިޔުމަށް ސްކޫލްތަކުންވެސް އަންނަނީ ތައްޔާރުވަމުންނެވެ.