ޚަބަރު

ބޮންއެޅުމުގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓަށް ގެއްލުންވެއްޖެ


ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓް ކައިރިއަށް ބޮން އަޅައިފިއެވެ. މި ހާދިސާގައި އެ ޕްލާންޓުގައި ބޭނުން ކުރާ "ހައި-ވޯލްޓޭޖް" ކޭބަލްތަކަކަށް ގެއްލުންވެ، ޕްލާންޓުގެ ބައެއް ބައިތައް ބަންދު ކުރަން ޖެހުނެވެ. ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައިވާ ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަކީ ވިލާތުގައި ހުންނަ އެންމެ ބޮޑު ނިއުކްލިޔަރ ހަތަކަ އުފައްދާ ޕްލާންޓެވެ.

ރަޝިޔާ އަދި ޔޫކްރެއިނުން ވެސް މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އަދި، ދެ ޤައުމުން ވެސް ތުހުމަތު ކުރަނީ މިއީ އަނެއް ޤައުމުން ދީފައިވާ ހަމަލާއެއް ކަމުގައެވެ. މި ހަމަލާއާ ގުޅިގެން ނިއުކްލިޔަރ ޕްލާންޓުގެ އެއް ރިއެކްޓަރު ނިންވައިލާން ޖެހުނެވެ. ނަމަވެސް، މި ހަދިސާއާ ގުޅިގެން ރޭޑިއޯއެކްޓިވް މެޓީރިއަލް ލީކުވެފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހަމަލާގެ ތުހުމަތު ރަޝިޔާ ކޮނޑުގައި އަޅުވަމުން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ، މިއީ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، މި ހަމަލާއާ ގުޅިގެން ރަޝިޔާގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ސިނާއަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ މި ހަމަލާގައި ޒިންމާވާން ޖެހޭނީ ޔޫކްރެއިން ކަމުގައި ބުނެފައެވެ. އަދި، އެ ތަނުން ރޭޑިއޯއެކްޓިވް މެޓީރިއަލް ލީކުވެފައި ނުވަނީ "ނަސީބުން" ކަމުގައި ބުންޏެވެ. އަދި، ޕްލާންޓުގެ އެއް ޔުނިޓުން ކަރަންޓު އުފައްދާ މިންވަރު ދަށްކޮށްފައި ވާއިރު، އިތުރު ޔުނިޓަކުން ކަރަންޓު ކެނޑިފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ.
ހަނގުރާމައިގައި ދިފާޢީ އައްޑަނައެއްގެ ގޮތުގައި ރަޝިޔާ ސިފައިން ޒަޕޮރީޜިޔާ ޕްލާންޓު ބޭނުން ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ. އަދި، އެ ތަނަށް ދިން ހަމަލާއާ ގުޅިގެން ނިއުކްލިޔަރ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ވަނީ، އެ ތަނަށް ލިބިފައިވާ ގެއްލުންތައް އަންދާޒާ ކުރުމުގެ ފުރުޞަތު އެ އޭޖެންސީގެ ޓީމުތަކަށް ދިނުމަށް ރަޝިޔާއަށް ގޮވައިލާފައެވެ.

ފެބުރުއަރީ 24 ގައި ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި މި ހަނގުރާމައިގައި އަތްގަދަ ކޮށްފައިވާ ބިންތައް މިނިވަން ކުރުމަށް ޔޫކްރެއިނުން ދަނީ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. މި ކެމްޕޭންގެ ދަށުން އެންމެ ވަރުގަދައަށް ހަމަލާތައް އަމާޒު ކުރަމުން ދަނީ، ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާ ސިފައިން ހިފާފައިވާ ދެކުނުގެ ޚަރްސަންގައި ތިބި ރަޝިޔާ ސިފައިންގެ އަމާޒުތަކަށެވެ.

އަދި، އެ ހަމަލާތަކުގެ ރައްދުގައި ރަޝިޔާ ސިފައިން ދަނީ، ޔޫކްރެއިނުގެ އިރުމަތީ ދޮންބެސް ސަރަޙައްދުގައި ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ޚާރްކީވަށް ރަޝިޔާ ސިފައިން ވަނީ އޮގަސްޓު 5 ގައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި، ދެކުނުގައިވާ މިކޮލެއިފަށް ދިން ހަމަލާތަކެއްގައި ޢާންމުންގެ އެކަކު މަރުވި ކަމުގައި އެ ރަށުގެ މޭޔަރު ވިދާޅުވިއެވެ. މި ހަމަލާތަކުގައި ޢާންމުންގެ 21 ގެޔަކާއި ފަސް އެޕާޓްމަންޓް ބިލްޑިންގއަށް ގެއްލުންވިއެވެ.
ދެ ޤައުމުގެ ސިފައިންގެ މެދުގައި ހަމަލާތައް އިތުރުކޮށްފައި ވީ ނަމަވެސް، ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ދަނީ ހަލުވިކަމާ އެކު ހިނގަމުންނެވެ. މި ގޮތުން، އޮގަސްޓު 5 ގައި ގޮވާމުގެ ބާވަތްތައް ބަރުކޮށްފައިވާ ތިން ބޯޓު ޔޫކްރެއިނުގެ ބަނދަރުތަކުން ފުރިއެވެ. މީގެ ތެރެއިން ދެ ބޯޓަކަށް ބަރުކޮށްފައި ވަނީ 58,000 ޓަނުގެ ޒުވާރިއެވެ.

މި ހަނގުރާމައިގައި ރަޝިޔާއިން މިހާރު އަމާޒު ހިފާފައި ވަނީ ޔޫކްރެއިނުގެ އުތުރުގައިވާ ދޮންބެސް ސަރަޙައްދު އެ ޤައުމުގެ އަތްދަށަށް ގެންދިޔުމަށެވެ. އެ ސަރަޙައްދު ބެހިގެންވަނީ ލުހާންސްކާއި ދޮނެޓްސްކްގެ މައްޗަށެވެ. އެ ދެ ސަރަޙައްދުގެ ގިނަ ރަށްތައް މިހާރު ވެސް އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ.