ކުޅިވަރު

ބްރައިޓަންގެ ކުކުރެޔާ ޗެލްސީއަށް ސޮއިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެޔާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

އޭނާ ޗެލްސީއަށް ސޮއިކޮށްފައިވަނީ ބުނެވޭގޮތުގައި 60 މިލިއަން ޕައުންޑަށްވުރެ މަތީ އަގަކަށެވެ.

އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ ޗެލްސީއަށް ސޮއިކޮށްފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ. މިދިޔަ ސީޒަންގައި ބްރައިޓަށް ދިޔަ ކުކުރެޔާ ވަނީ އެޓީމަސް 38 މެޗް ކުޅޭދީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޗެލްސީއަށް ސޮއިކުރުމަށްފަހު ކުކުރެޔާ ހާމަކުރިގޮތުގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހި އުފަލުންނެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްޓީމަށް ކުޅުމަށް ލިބިގެންދާ ފުރުސަތެއް ކަމުގައި އޭނާ ހާމަކުރިއެވެ. އަދި ޗެލްސީގައި އޭނާ އުފަލުގައި ހުރުމަށާއި ޓީމަށް އެހިތެރިވެދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށްވެސް ކުކުރެޔާ ހާމަކުރިއެވެ.

މިއީ ބްރައިޓަންއިން އެންމެ އަގުބޮޑުކޮށް މިހާތަނަށް ވިއްކާލި ކުޅުންެރިޔާއެވެ. އެޓީމުން މީގެކުރިން އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވަނީ 50 މިލިއަން ޕައުންޑަށް ބެން ވައިޓްއެވެ. މިދިޔަ މަހު ބްރައިޓަންއިން ވަނީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ކުކުރެޔާއަށް ހުށަހެޅި 30 މިލިއަން ޕައުންޑްގެ އަގު ގަބޫލް ނުކޮށް ދޫކޮށްލާފައެވެ.

ސިޓީގެ އެހުށަހެޅުމާއެކު ކުކުރެޔާވެސް ވަނީ ޓްރާންސްފަރ ރިކުއެސްޓެއް ކްލަބަށް ހުށަހަޅާފައެވެ. ބްރައިޓަންގެ ކޯޗް ގްރަހަމް ޕޮޓާ ހާމަކުރިގޮތުގައި އެކްލަބުން ކުކުރެޔާ ދޫކޮށްލާކަން މިސީޒަންގައި ބޭނުން ނުވި ނަމަށާއި ނަމަވެސް ކުކުރެޔާ މިއަހަރުގެ ވާރލްޑްކަޕަށް ނަގާ ސްޕެއިން ޓީމުން ޖާގައެއް ހޯދުމަށް ޓަކައި މިސީޒަންގައި ޗެމްޕިއަންސް ލީގު ކުޅެވޭ ކްލަބަކަށް ދާންބޭނުންވެފައި ހުރުމުން ދޫކޮށްލީކަމަށެވެ. އަދި ކުކުރެޔާވަނީ ޕްރިމިއަރ ލީގުގައި ހޭދަކުރި ފުރަތަމަ ސީޒަން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ކުކުރެޔާއަކީ މިސީޒަންގައި ބްރައިޓަންއިން ދޫކޮށްލި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޔިވެސް ބިސޮއުމާވަނި ޓޮޓްނަމް ހޮޓްސްޕަރއަށް ވިއްކާލާފައެވެ. މިއީ އާސީޒަނަށް ޗެލްސީއިން ސޮއިކުރި ހަތަރު ވަނަ ކުޅުންތެރިޔާއެވެ.