ކުޅިވަރު

ފުރަތަމަ މެޗުން ބަޔާނަށް ފަސޭހަ މޮޅެއް


ޖަރުމަން ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މިމެޗް ބަޔާން ކާމިޔާބުކުރީ އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބައްދަލުކޮށް ރަށުން ބޭރުގައި 6-1 ގެ ނަތީޖާއަކުންނެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބަޔާންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބަޔާންއިންނެވެ. މިލަނޑު މެޓީމަށް ޖަހާދިނީ ޖޯޝުއާ ކިމިޗްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާދިނީ ބެންޖަމިން ޕަވާޑްއެވެ.

ބަޔާންގެ ތިންވަނަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމަށް މިސީޒަންގައި އަލަށް ގުޅުނު ފޯވަޑް ސާޑިއޯ މާނޭއެވެ. މިމެޗްގައި ބަޔާންގެ ހަތަރުވަނަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަމާލް މުސިއަލާ ޖަހާދިންއިރު ފަސް ވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ސާޖް ގިނެބްރީއެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ބަޔޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފްރޭންކްފަރޓްއިން ވަނީ އެޓީމްގެ ކުޅުން ދެވަނަ ހާފްގައި ރަނގަޅު ކޮށްފައެވެ. އަދި މިމެޗްގައި ފްރޭންކްފަރޓްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ ރަންޑަލް ކޯލޯ މުއާނީއެވެ. މިމެޗްގައި ބަޔާންގެ ފަހު ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ހަތަރު ވަނަ ލަނޑުވެސް ޖަހާދިން މުސިއަލާއެވެ.

މިކާމިޔާބީއާއެކު ބަޔޭންއިން އާސީޒަންގެ ފެށުން ރަނގަޅު ކޮށްފައިވާއިރު މިއީ އެންމެފަހުގެ ޔުއޭފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ފްރޭންކްފަރޓަށް ރަނގަޅު ނަތީޖާއަކަށް ނުވާނެއެވެ. އަދި ޔުއޭފާ ސުޕަރ ކަޕްގައި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެދްރިޑާއި ދެކޮޅަށް މިއަންނަ ބުދަ ދުވަހު ނިކުންނައިރު އެޓީމްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭކަން މިމެޗުން ހާމަވެގެން ގޮސްފައިވެއެވެ.