ޚަބަރު

ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ދޫކުރަނީ


ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަގުތީ މަސް މާރުކޭޓު ކުއްޔަށް ދޫކުރަން ހުޅުވާލީ މީގެކުރިން ދޫކޮށްފައިވާ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

ހުޅުމާލޭގައި މީހުން އާބާދުވެ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުހިންމު ގިނަ ޚިދުމަތްތަކެއް އެޗްޑީސީންވަނީ ފުރަތަމަ ފިޔަވަހީގައި ޤާއިމުކޮށްފައެވެ. ޚިދުމަތް ދިނުމަށާއި ޚިދުމަތް ފުޅާކުރުމަށް ކަމާ ގުޅޭ ފަރާތްތަކަށް އެޗްޑީސީގެ ޢިމާރާތްތައް ކުއްޔަށް ދޫކޮށްގެންވެސް އަންނަނީ ޚިދުމަތް ދެމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މަސްވެރިންގެ މައިޒާނުގައި ހަދާފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ދޫކުރަން ހުޅުވާލީ އެތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމާއި ގުޅިގެންކަމަށެވެ. 2370 އަކަފޫޓަށް ވުރެ ބޮޑު މިސަރަޙައްދު ކުއްޔަށް ހިފުމަށް ޝައުގުވެރިވާފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ހުންނާނެ ކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ. މަސް މާރުކޭޓު ކުއްޔަށް ހިފުމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހޯމަ ދުވަހުގެ ހެނދުނު 0930 އިން މެންދުރުކުރި 1100 ޖެހުމާ ހަމައަށް އެޗްޑީސީގެ އެގްޒެބިޝަން ސެންޓަރުންނެވެ. އަދި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ހަމައެދުވަހުގެ 1130ގައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މަސް މާރުކޭޓުގެ އިތުރުން އާއްމުންނަށް ބޭނުންވާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ފޯރުކޮށްދިނުމަށް ރަށު މާރުކޭޓުގެ ނަމުގައިވެސް އެޗްޑީސީން އަންނަނީ މާރުކޭޓެއް ހިންގަމުންނެވެ.