ކުޅިވަރު

ރިސޯޓް ލީގު: މެރީނާއަށް ދެވަނަ މޮޅު، އެނބޫދޫ އަތުން ފިހާޅޮއްސަށް ބޮޑު މޮޅެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލެ ޒޯނުގައި ދަ މެރީނާއިން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވިއިރު، އެނބޫދޫ އަތުން ފިހާޅޮހި ބޮޑު މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ދަ މެރީނާއިން ވަނީ ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުން އޯޒެން މާދޫ އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއީ މެރީނާއިން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ. އެގޮތުން އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ކަނޑޫމާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި މިއީ އޯޒެން މާދޫގެ ދެވަނަ ބައްޔެވެ. އެގޮތުން އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ބޮލިފުށި އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ގްރޫޕް ބީ ގައި ހިމެނޭ ފިހާޅޮހިން ކުޅުނު މެޗުން ވަނީ 14-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެނބޫދޫ ވިލެޖް ބަލިކޮށްފައެވެ. މިއީ ގްރޫޕް ބީގައި އެނބޫދޫ ވިލެޖު ބަލިވި ދެވަނަ މެޗެވެ. އެގޮތުން އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ވެލައްސަރު އަތުން 7-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކްރޮސްރޯޑްސްގައި މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ޖުމްލަ 11 ޓީމާއެކުއެވެ. މި މުބާރާތް މި ޒޯނުގައި މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މާލެ އަތޮޅުގެ ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްދާ މި ޒޯނުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

މި ޒޯނުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކަނޑޫމާއެވެ. އަދި އެންމެފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.