ކުޅިވަރު

ފަހު ވަގުތު ޓީނޭޖް އަތުން ބީޖީއަށް ޕޮއިންޓެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު ކުލަބު ޓީނޭޖާ އެއްވަރުކޮށް، ބީޖީ ސްޕޯޓްސް ކުލަބުން ޕޮއިންޓެއް ހޯދައިފިއެވެ.

ހުކުރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް ދޭއްގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ބީޖީން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަފާއު މުޙައްމަދެވެ. މިއީ އޭރިއާ ތެރެއިން ބީޖީގެ މާޒިން ހަސަނަށް ޓީނޭޖުގެ އިރުފާން ހަސަން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޓީނޭޖުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. ބިދޭސީ މިޑްފީލްޑަރު އަޙްމަދު މަޙްމޫދު ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ސާދިރްދިން އުގްލީއެވެ. އަދި އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ޓިނޭޖުން ފަހަތުން އަރައި ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އަލީ އަޙްމަދު އަލީ އަފީފީއެވެ.

އޭގެ ފަހުން ބީޖީން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ހުޒައިފާ ބިން ހުސައިން ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުލްބެކް އުމަރު އަޙްމަދެވެ.

މި މެޗު އެއްވަރުވުމާއެކު ޓީނޭޖަށް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެއާއެކު އެ ޓީމު މި ވަގުތު ގްރޫޕް ދޭއްގެ ތިންވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފަސްވަނައިގައި ބީޖީ އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.