ކުޅިވަރު

ނިއު ރޭޑިއަންޓް ބަލިކޮށް އެލްޓީ އެއްވަނައަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، ގްރޫޕް ދޭއްގެ އެއްވަނައަށް އެލްޓީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެލްޓީ މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ނިއު ރޭޑިއަންޓުގެ ބިދޭސީ މިޑްފީލްޑަރު ފަރުޚް ޚައިދަރޯފް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް އެލްޓީގެ ގޯލްކީޕަރު އާތިފް އަޙްމަދު ވަނީ ދިފާއުކޮށްފައެވެ. އަދި މި ހާފުގައި އެލްޓީގެ ތަޖުރިބާކާރު ފޯވާޑް އާދަމް ލަރީފް (ރޮނާ) އަށްވެސް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ނިއު ރޭޑިއަންޓުންނެވެ. މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އަޙްމަދު ސުހެއިލް (ބަމްޕުޗް) ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯފީ އޮވޫސޫއެވެ. އެކަމަކު އޭގެ 11 މިނެޓު ފަހުން ރޮނާ ނަގައިދިން ހުރަހަކުން ހުސެއިން ޝުއައިބް ވަނީ ލަނޑެއް ޖަހައި، އެލްޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އެލްޓީން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. އިސްމާޢީލް ވިފާގް (އިއްސެ) ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝިޔާހެވެ.

އެކަމަކު މެޗުގެ 82 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބަމްޕުޗް ދިން ބޯޅައަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯފީއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެލްޓީން އަލުން ލީޑު ނެގިއިރު، ރޮނާ ދިން ރީތި ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިއްސެއެވެ.

މި މެޗުން ނިއު ރޭޑިއަންޓް ބަލިވިއިރު، މިއީ މި ފަހަރުގެ މުބާރާތުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އަދި މި މުބާރާތުގައި އެލްޓީން މިހާތަނަށް މެޗަކުން ބަލިވެފައި ނުވާއިރު، އެ ޓީމުގެ ގްރޫޕް ދޭއްގެ އެއްވަނައަށް ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. އަދި ނިއު ރޭޑިއަންޓް ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.