ޚަބަރު

ކާބުލްގައި ޒަވާހިރީ އުޅުނުކަމެއް ނޭނގޭ: ޠާލިބާނު


އަލް ޤައިދާގެ އިސްލީޑަރު އައިމަން އަލްޒަވާހިރީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިރިއުޅެމުން ދިޔަ ކަން އެނގިފައި ނެތް ކަމުގައި އެ ޤައުމުގައި ވެރިކަން ކުރާ ތާލިބާނުން ބުނެފިއެވެ. ޒަވާހިރީ މަރައިލާފައިވާ ކަން އެމެރިކާއިން އިޢުލާނު ކޮށްފައި ވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.

އޭނާ މަރައިލާފައި ވަނީ ކާބުލްގެ ރަށްބޭރުގައިވާ ޝޭރްޕޫރުގެ ގެޔެއްގެ ބެލްކަނީގައި ހުއްޓައި ދިން މިސައިލް ހަމަލާއެއްގައި ކަމަށް އެމެރިކާ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ. އޭނާ މަރައިލާފައި ވަނީ އެމެރިކާގެ އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ދިން ހަމަލާއެއްގައެވެ. މިއީ، އަލް ޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަރިލިފަހުން އެ ޖަމާޢަތަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ގޮތުގައި އެމެރިކާއިން ސިފަ ކުރެއެވެ.

"ޒަވާހިރީ ކާބުލްގައި ދިރިއުޅެމުން ދިޔަ ކަމުގެ އެއްވެސް މަޢުލޫމާތެއް ތާލިބާނުންގެ ސަރުކާރަށް ވެސް، ސަރުކާރުގެ އެއްވެސް އިސް އޮފިޝަލަކަށް ވެސް، އެނގިފައެއް ނުވޭ. އެމެރިކާއިން ތުހުމަތު ކުރާ ގޮތަށް، މިސައިލް ހަމަލާގައި މަރައިލާފައި ވަނީ ޒަވާހިރީ ކަން ކަށަވަރު ކުރުމަށް މި ދަނީ ތަހުޤީޤު ކުރަމުން،" ތާލިބާނުންގެ ފަރާތުން އ.ދ.އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސުޙައިލް ޝާހީން ބުންޏެވެ. ތަހުޤީޤަށް ހާމަވާ ކަންކަމުގެ މަޢުލޫމާތު ފަހުން ޢާންމު ކުރައްވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

އެމެރިކާއިން އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް ބެލުމެއް ނެތި ވެރިރަށް ކާބުލްއަށް މިސައިލް ހަމަލާއެއް ދިނުމާ ގުޅިގެން، އެ ކަމާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް ތާލިބާނުންގެ އިސްވެރިން މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

"އެމެރިކާއިން މިފަދަ އަމަލެއް ތަކުރާރު ކޮށްފި ނަމަ، އަދި އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެފި ނަމަ، އެ ކަމާ ދެކޮޅަށް ތާލިބާނުން އަޅާ ފިޔަވަޅުތަކުގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާއިން،" ޝާހީން އިންޒާރު ދެމުން ބުންޏެވެ.

ނަމަވެސް، މި ކަމާ ދެކޮޅަށް ތާލިބާނުން އަމަލުކުރާ ގޮތެއްގެ ނޭދެވޭ އަސަރު އަފްޣާނިސްތާނަށް ކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ސަބަބަކީ، ތާލިބާނުންނަކީ އަފްޣާނިސްތާނުގެ ޤާނޫނީ ސަރުކާރު ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނޭތޯ އެ ޖަމާޢަތުން ކުރަމުންދާ މަސައްކަތްތަކަށް، އަޅާ ފިޔަވަޅެއްގެ ސަބަބުން އަސަރު ކުރާނެތީއެވެ. އަދި، އެމެރިކާއިން ފްރީޒް ކޮށްފައިވާ އެ ޤައުމުގެ ފައިސާ ހޯދުމަށް ތާލިބާނުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ ޖަމާޢަތުން އަމަލު ކުރާ ގޮތެއްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެތީއެވެ.

ޒަވާހިރީ ކާބުލްގައި ދިރިއުޅެމުން ދިޔައީ ތާލިބާނުންގެ ހިމާޔަތުގައިތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާއާއި ތާލިބާނުންނާ ދެމެދު 2020 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެއްގައި، އެއްވެސް ހަނގުރާމަވެރި އަދި ޓެރެރިސްޓު ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް ހިމާޔަތް ނުދިނުމަށް ތާލިބާނުން ވަނީ ވަޢުދުވެފައެވެ.

މި ކަމާ ގުޅޭ ގޮތުން ޝާހީން ބުނީ، އެއްބަސްވުމާ ޚިލާފު އެއްވެސް ކަމެއް ތާލިބާނުން މިހާތަނަށް ކޮށްފައި ނުވާނެ ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ، ޒަވާހިރީއަށް ހިމާޔަތާއި ރައްކާތެރިކަން ދީ، ތާލިބާނުންނާ އެމެރިކާއަށް ވެފައިވާ އަހުދާ ޚިލާފުވެފައިވާ ކަމުގައެވެ.

މިޞްރަށް އުފަން ޒަވާހިރީއަކީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ދިން ޓެރެރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. މަތިންދާބޯޓުތަކެއް ހައިޖެކުކޮށްގެން ދިން މި ހަމަލާގައި 3,000 ވަރަކަށް މީހުން މަރުވިއެވެ. މިއީ، އެމެރިކާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ.