ކުޅިވަރު

ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ އާސެނަލާއި ޕެލަސް ބައްދަލުކުރާ މެޗުން


އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ކުޅުން އާސެނަލާއި ކްރިސްޓަލް ޕެލަސް ބައްދަކުކުރާ މެޗުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ދެޓީމްގެ މިކުރިމަތިލުން ކުރިއަށްދާނީ ހުކުރު ދުވަހުގެރޭ ޕެލަސްގެ ދަނޑު ސެލްހަރސްޓް ޕާކްގައެވެ. މިދެޓީމަށް ބަލާލާއިރު ޕެލަސްގެ މެދުތެރެއިން ކުޅޭ މައިކަލް އޮލިސޭ އާއި ޖޭމްސް މެކްއާތާއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި ފަހަތަށް ކުޅޭ ޖޭމްސް ޓޮމްކިންސްއަށް ވެސް އަނިޔާގެ މައްސަލައެއް ދިމާވެފައިވާއިރު އެޓީމްގެ ދެކީޕަރުންކަމަށްވާ ޖެކް ބަޓްލަންޑާއި ސޭމް ޖޯންސްޓޯން ވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

އާސެނަލްއަށް ބަލާލާއިރު އެމީލް ސްމިތު ރޯ އަށް ވަނީ އަނިޔާވެފައެވެ. އަދި ކިއެރަން ޓަރނީ އާއި ޓަކެހިރޯ ޓޮމިޔާސޫ އަންނަނީ ލިބިފައިވާ އަނިޔާއިން ރަނގަޅު ވަމުންނެވެ. އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ހާމަކުރިގޮތުގައި ގިނަ ކުޅުންތެރިން މިރޭގެ މެޗަށް ފިޓް ކަމަށެވެ.

މިމެޗްގައި އާސެނަލް އާއި އަލަށް ގުލުނު ފަރަންސޭސި ޑިފެންޑަރ ވިލިއަމް ސަލީބާ ފުރަތަމަ ފަހަރަށް ކްލަބްގެ ޖަރޒީގައި ފެނިގެންދާނެކަމަށް ބެލެވެއެވެ. އަދި ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން އާސެނަލްއަށް ސޮއިކުރި ގެބްރިއަލް ޖޭސުސް އާއި އޮލެކްސެންޑަރ ޒިންޗެންކޯވެސް އާސެނަލްގެ ޖަރޒީގައި ފެނިގެންދާނެކަމަށް ވެއެވެ.

މިދެޓީމްގެ މެދުގައި ފަހަކަށް އައިސް ކުޅުނު މެޗްތަކަށް ބަލާލާއިރު އެންމެފަހުން ކުޅުނު އަށް މެޗްގެ ތެރެއިން ޕެލަސް ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ. އަދި ޕެލަސް ދެފަހަރު މޮޅުވެފައިވާއިރު ފަސް މެޗް ނިމުނީ އެއްވަރު ވެގެންނެވެ.

ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ މެޗްތަކުގެ ބާކީ ހުރި މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އާއި އާދިއްތަ ދުވަހުއެވެ. މިގޮތުން ހޮނިހިރު ދުވަހު ހަ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު އާދީއްތަ ދުވަހު ތިން މެޗް ކުޅެވޭނެއެވެ. ހޮހިރު ދުވަހުގެ ފުރަތަމަ މެޗްގައި ލިވަޕޫލް ރަށުން ބޭރުގައި ފުލަމް އާއި ބައްދަލުކުރާއިރު އާދީއްތަ ދުވަހުގެ ފަހު މެޗްގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރަށުން ބޭރުގައި ބައްދަލުކުރާނީ ވެސްޓް ހޭމްް ޔުނައިޓެޑާއެވެ.