 
										
			އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ވާން ފަށާފައެވެ. އިންތިޚާބުގައި ކެންޑިޑޭޓުން ނެރެން ނިންމައި ބައެއް ޕާޓީތަކުން މިހާރުވަނީ އެކަން ހާމަކޮށްފައެވެ. އަނެއްބައި ޕާޓީތަކުން، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ޤައުމީ މަޖިލީސްތަކުގެ ބައްދަލުވުމަށްފަހު ކެނޑިޑޭޓުން ހާމަކުރުމަށް ނިންމައި އެމަސައްކަތްވަނީ ފަށާފައެވެ. 
ކޮންމެ 5 އަހަރަކުން އެއް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ މުހިންމު އިންތިޚާބެވެ. އެއީ ރައްޔިތުންގެ ބަސް އިއްވައި ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވުމަށް ރައްޔިތުންނަށް ފުރުސަތުލިބޭ އިންތިޚާބެވެ. 
މިއީ މަލްޓިޕާޓީ ނިޒާމެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގަންފެށިފަހުން ރައްޔިތުންނަށް ކަށަވަރުވެގެންދިޔަ އެންމެ މުހިންމު ހައްޤުވެސް މެއެވެ. ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން ދާއިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ފޯރީގައި މިހާރު ދެކެވޭ އެއްވާހަކައަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކެނޑިޑޭޓުންގެ ވާހަކައެވެ. ބައެއް ޕާޓީތަކުން ރަސްމީކޮށް އެޕާޓީގެ ރިޔާސީ ޓިކެޓު އަރުވާނެ ބޭފުޅުން މިހާރު ވަނީ ހާމަކުރައްވާފައެވެ. 
ވެރިކަން ކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓު ކަނޑައެޅުމުގެ މަސައްކަތަކީ އެންމެ ގިނަބައެއްގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ ސިޔާސީ މަސައްކަތެވެ. އެޕާޓީގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނަކީ މިހާތަނަށް ރާއްޖޭގައި ކާމިޔާބުކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދެމެހެއްޓެވި ރައީސެވެ. ކޯލިޝަނަކާ ނުލައި ރާއްޖޭގެ ވެރިކަން ކާމިޔާބުވުމަކީ މިހާތަނަށް ފެންނަން އޮތްކަމެއް ނޫނެވެ. ރާއްޖޭގެ ފުންނާބު އުސް ސިޔާސީ ލީޑަރުންނާއި އެފަދަ ސީނިއަރ ސިޔާސީ ބޭފުޅުން ތިއްބެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތްޕުޅުގައެވެ. މިސަބަބައްޓަކައި، އެމްޑީޕީން ދެން އޮތް ވެރިކަމުގެ ދައުރު ބޭނުންވާނަމަ އޮތް ޗޮއިސްއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. 
މީގެ އިތުރުން ކޯލިޝަން ވެރިކަމާއެކު 5 އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމާ ގާތަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި ޤައުމަށް މިހާތަނަށް ކުރިމަތިވީ އެންމެ ދަތި ދުވަސްތަކުގައި ޤައުމު އަމާންކަމާއެކު ކުރިއަށް ގެންގޮސްދެއްވާފައިވުންފަދަ އެތައް ސަބަބުތަކަކާއެކު އެމަނިކުފާނުގެ ނަންފުޅަކީ އެމްޑީޕީގެ މެމްބަރުންނަށް އޮތް ހަމައެކަނި ޗޮއިސްކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސްވަނީ ފާޅުކުރައްވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ނުކުމެވަޑައިގަންނަވާނީ ކޮންބޭފުޅެއްކަން ކަށަވަރުވާނީ އެޕާޓީގެ ކޮންގްރެސްއަށްފަހު ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެމްޑީޕީގެ ކޮންގްރެސް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިމައްސަލަ ކޮންގްރެސްއަށް ހުށަހަޅަން މިހާތަނަށް ތާވަލްކޮށްފައެއް ނުވެއެވެ. 
އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިހާރުވަނީ އެޕާޓީގެ ޓިކެޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް އަރުވަން ނިންމާފައެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއަކުން މިނިންމުން ނިންމުމަށް ކަނޑައަޅާފައި ވީނަމަވެސް ރައީސް ޔާމީނަށް ފުރުސަތު ފަހިވާގޮތަށް ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުވަނީ ދާދިފަހުން ގެނެސްފައެވެ. ރައީސް ޔާމީނަށް ޕްރައިމަރީއަކާއި ނުލައި ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވާއިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެޕާޓީގެ ބައެއް ބޭފުޅުންގެ ހުރިކަމަށް ނުރަސްމީގޮތެެއްގައި މަޢުލޫމާތުލިބެއެވެ. އެހެންނަމަވެސް މިހާރު އެފުރުސަތެއް ނެތެވެ. 
		
 
										
			ޑީއާރުޕީންވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި އެޕާޓީގެ ރިޔާސީ ޓިކެޓު ޕާޓީގެ ލީޑަރު ޢަބްދުﷲ ޖާބިރަށް އަރުވަން ނިންމާފައިވާކަމަށް އެޕާޓީއިންވަނީ ހާމަކޮށްފައެވެ. އެމްޑީއޭއިން ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ އެޕާޓީގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ކަމަށް އެޕާޓީއިންވެސްވަނީ ހާމަކޮށްފައެވެ. 
ޖުމްހޫރީ ޕާޓީއިންވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ވަނީ ނިންމާފައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޕާޓީއިން ބުނީ ޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން ޕާޓީގެ ލީޑަރަށް ރިޔާސީ ޓިކެޓު ދޭގޮތަށް އޮތްނަމަވެސް އެކަން އެގޮތަށް ކުރިއަށްގެންދާނީތޯ ނުވަތަ ގޮތްނިންމާނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުންތޯ ނިންމާނީ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަކުންކަމަށެވެ. މިޖަލްސާ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާނެކަމަށް އެޕާޓީއިން ބުނެއެވެ. 
އެމްއާރްއެމްއިން ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ވަކިގޮތެއް އަދި ނުނިންމާކަމަށް އެޕާޓީއިން ބުނެއެވެ. އެޕާޓީއިންވެސް ޕާޓީގެ ނިންމުން ހާމަކުރާނީ ޕާޓީގެ އެގްޒެކެޓިވް ބައްދަލުވުމަކަށްފަހުގައިކަމަށް އެމްއާރްއެމްއިން ބުނެއެވެ. 
އެމްއެންޕީއިންވެސް ރިޔާސީ ޓިކެޓު ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެޕާޓީގެ ޕްރައިމަރީއަށްފަހުގައެވެ. ޕްރައިމަރީގައި ޕާޓީގެ އެއް މުޢައްސިސްކަމުގައިވާ މުޙައްމަދު ނާޒިމް ކުރިމަތިލައްވާނެކަންވަނީ ހާމަކުރައްވާފައެވެ. 
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕާޓީތަކުން މިހާރުވަނީ ފަށާފައެވެ. ވާދަވެރި އިންތިޚާބަކަށް އަންނައަހަރުގެ އިންތިޚާބު ވެގެންދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.