ޚަބަރު

ހައިވަކަރު އަޙްމަދު ފުޅު އަވާހަރަވެއްޖެ


ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މއ.ހައިވަކަރުގޭ އަހްމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެއްޖެއެވެ.

އަހްމަދުފުޅު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭ ފަތިހުގެ ވަގުތެއްގައެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިތުރުން އަހްމަދުފުޅު ވަނީ ކުޅިވަރު ކުޅުއްވައި ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ތަމްރީން ދިނުމަށް މަޖީދިއްޔާ ސްކޫލުން ނެގި 24 ކުދިންގެ ތެރެއިން ގޯލްކީޕަރަކަށް ނެގި ދަރިވަރަކީ އަޙްމަދުފުޅެވެ.

އަހްމަދުފުޅު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގައެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ޚިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި، ވަޒީފާއިން ވަކިވެވަޑައިގަތީ 1978ވަނަ އަހަރު ދިވެހި ސަރުކާރުން އޭނާގެ ޚިދުމަތް އެހެން ދާއިރާއަކުން ބޭނުންފުޅުވުމުންނެވެ.

އަހްމަދުފުޅު ވަނީ ޅ.އަތޮޅާއި މ.އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވަވާފައެވެ. މީގެއިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.

އަހްމަދުފުޅު ފުރުއްވި ބައެއް މަގާމުތައް

  • ސިފައިންގެ އާދައިގެ ވަޒީފާއިން ފެށިގެން ކެޕްޓަނެއްގެ ވަޒީފާއަށް : 1 ފެބްރުއަރީ 1954 ން 27 ޑިސެމްބަރު 1978 އަށް
  • މ.އަތޮޅު އަތޮޅުވެރިކަން : ދެފަހަރު އެއީ 28 ޑިސެމްބަރު 1978 ގައި އަދި 6 ޖެނުއަރީ 1992 ގައި
  • ފާދިއްޕޮޅު އަތޮޅުވެރިކަން : 24 އޮގަސްޓް 1981 ން 1 ފެބުރުއަރީ 1982 އަށް.
  • މިނިސްޓްރީ އޮފް ޕްރޮވިންސަލް އެފެއަރޒްގެ އެސިސްޓެންޓް އަންޑަރ ސެކެޓްރީ : 1 ފެބުރުއަރީ 1982 ގައި
  • ރެންޓަލް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރުކަން: 2 އޮގަސްޓް 1983 ގައި
  • ރެންޓަލް ޑިވިޝަންގެ މެނޭޖަރުކަން : 2 އޮގަސްޓް 1983 ގައި
  • ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަން : 1 ޑިސެމްބަރު 1983 ގައި
  • އައްޑު އަތޮޅު އަތޮޅުވެރިކަން : 12 ޖޫން 1993 ގައި
  • މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ ގެ ޑިރެކްޓަރުކަން : 21 މެއި 1997 ގައި
  • މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ ގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލްކަން : 11 ފެބުރުއަރީ 2004 ގައި
  • ކޮމިޔުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްކަން : 1 މާރޗް 2006 ގައި

އުމުރުފުޅުން 89 އަހަރުގައި އަޙްމަދު ފުޅު އަވަހާރަވީއިރު އަނބިކަނބަލަކާއި ދަރިންވެސް ދުނިޔޭގައި އެބަތިއްބެވެ. އަޙްމަދު ފުޅުގެ އަނބިކަނބަލުންނަކީ މަޝްހޫރު ރޭޑިއޯ ޝަޚުސިއްޔަތު ނަޖުމާ ޙުސައިން (ނަޖުމާއްތަ)އެވެ.

އަޙްމަދު ފުޅުގެ ބައެއް ބޭފުޅުންނަކީ ވެސް އާންމުންގެ މެދުގައި މަގުބޫލު ބޭފުޅުންނެވެ. އެގޮތުން އަހްމަދުފުޅުގެ ބޭފުޅުންގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިޙާރު ހުންނެވި، ރާއްޖޭގެ މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތު މައުރޫފް އަހްމަދު (މާއްޓެ)އާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މަހްދީ އަހްމަދަކީ ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. އަދި
މީގެއިތުރުން ލީލާ އަހްމަދާއި ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު މިސްޠާހަކީ ފާހަގަކުރެވޭ ދެ ބޭފުޅުންނެވެ.

ހައިވަކަރު އަޙުމަދު ފުޅު ތަޢުލީމް ޙާޞިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، އިޚްލާޞްތެރިކަމާއެކު، މުއައްޒިފުންނާއި ގުޅިވަޑައިގެން، ސަރުކާރުގެ ކަންތައްތައް ރަގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރި އެކެވެ. މިކަން އޭނާ ވަޒީފާ އަދާކުރެއްވި ދާއިރާތަކުން ދެއްވާފައިވާ ލިޔުންތަކުން ފާހަގަ ކުރެވެއެވެ. އަހުމަދު ފުޅު ހޮބީއެއްގެ ގޮތުން ކުރައްވާ ކަމަކީ ޓީވީ ބެލުމާއި، ރޭޑިޔޯ އަޑުއެހުން، އަދި ނޫސް މަޖައްލާ ވިދާޅުވުމެވެ. އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއްކަމުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.