ޚަބަރު

"ތުރިދޭވް" ގެ ރީމޭކެއް ސަލްމާނު ހަދަނީ


1989 ވަނަ އަހަރު ޑައިރެކްޓަރު ރަޖީވް ރާއީ ގެނެސްދިން ކާމިޔާބު ފިލްމު "ތުރިދޭވް" ގެ ރީމޭކެއް އުފެއްދުމަށް ބޮލީވުޑް އެކްޓަރު ސަލްމާންޚާން ތައްޔާރުވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަލްމާނުގެ ސުޕަސްޓަރ ފިލްމު :މޭނޭ ޕިޔާރު ކިޔާ" ވެސް ރިލީޒްކޮށްފައިވަނީ ހަމަ އެ އަހަރުއެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ތުރިދޭވް" ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސަނީ ޑިއޯލް، ޖެކީ ޝްރޮފް، ނަސީރުއްދީން ޝާހް، މަދޫރީ ޑިކްސިޓް، ސަންގީތާ ބިޖްލާނީ ސޯނަމް، އަނޫޕަމް ކޭރް އަދި އަމްރިޝް ޕޫރީ ހިމެނެއެވެ.

މި ރީމޭކުގައި ސަލްމާނުގެ ރޯލެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޒަމާނަށް ފެތޭގޮތަށް ގެނެސްދޭ މި ރީމޭކް އުފައްދަން ސަލްމާނަށް ހުށަހެޅީ އެ ފިލްމުގެ ޑައިރެކްޓަރު ރަޖީވްއެވެ. އަދި ވަރަށް އަވަހަށް މީގެ މަސައްކަތްވެސް ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޖީވް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވި ފިލްމުތައް ކަމަށްވާ 1994 "މޮހޮރާ" އާއި 1997 ގެ "ގުޕްތު" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ސަލްމާން މިހާރު އަންނަނީ ޑިސެމްބަރު 30 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ނިންމާފައި ދެން އޭނާ ޝޫޓިން ފަށާނީ 2005 ގެ "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" ގެ މަސައްކަތެވެ.

އަންނަ އަހަރު ސަލްމާންގެ "ޓައިގާ 3" ރިލީޒްކުރަން ހަމަޖެހިފައިވެއެވެ. ކެޓްރީނާ ކައިފް ބަތަލާގެ ރޯލު ކުޅެފައިވާ އަދި މަނީޝް ޑައިރެކްޓްކުރި ފިލްމު އޮތީ ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައެވެ.