ޚަބަރު

ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 2019އަށް ވުރެ އިތުރު


މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު 2019ވަނަ އަހަރުގެ މުމުއްދަތަށްވުރެ އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށްވަނީ 133561 ފަތުރުވެރިން އައިސްފައެވެ. ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 132144 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދަކީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު %1.1 އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 960075 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ވަކިވަކި މަސްތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އޭޕްރީލްމަހުއެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު

  • ޖެނުއަރީމަހު – 131764 ފަތުރުވެރިން
  • ފެބްރުއަރީ – 149008 ފަތުރުވެރިން
  • މާރޗު – 150739 ފަތުރުވެރިން
  • އޭޕްްރީލް – 145279 ފަތުރުވެރިން
  • މެއި – 125522 ފަތުރުވެރިން
  • ޖޫން - 110889 ފަތުރުވެރިން
  • ޖުލައި – 133561 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ޢަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %14.4އަކީ އިންޑިއާ ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި 3ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4649 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި ރާއްޖެއަށް އަހަރުގެ މިހާތަަނަށް 960075 ފަތުރުވެރިން އައިސްފައިވެއެވެ. މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް ދެން އިތުރަށް ބޭނުންވަނީ 639925 ފަތުރުވެރިންނެވެ. އެއީ ކޮންމެ މަހަކު މަދުވެގެން 127985 ފަތުރުވެރިންނެވެ.