ކުޅިވަރު

ފަހު މެޗުގައި ދެކުނު އެފްރިކާ އަތުން ރާއްޖެ ބަލިވެއްޖެ


އިނގިރޭސިވިލާތުގެ ބާމިންހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގެ ގްރޫޕް ސްޓޭޖް ފަހު މެޗުން ރާއްޖޭގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ) ގެ ޕެއާ، ދެކުނު އެފްރިކާގެ ޕެއާ އަތުން ބަލިވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މި މެޗުން ރާއްޖޭގެ ޕެއާ ބަލިވީ ދެކުނު އެފްރިކާގެ ލިއޯ ވިލިއަމްސް އާއި ގްރާންޓް ގޯލްޑްޝްމިޑްގެ ޕެއާއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުމަށްފަހު 2-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ސައުތު އެފްރިކާގެ ޕެއާއިން ވަނީ 21-16 އިން ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ކުޑަކާއްޓޭ އާއި އެޑަމާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރާއްޖޭން ކާމިޔާބުކުރީ 21-14 އިންނެވެ.

މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ގޯލްޑްޝްމިޑް އާއި ވިލިއަމްސްގެ ޕެއާއިން ވަނީ 15-11 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުންވެސް ރާއްޖެ ބަލިވިއިރު، ރާއްޖޭގެ ބީޗް ވޮލީ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް އުއްމީދީ ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ މެޗުން ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި އޮތް އޮސްޓްރޭލިއާ އަތުން ސީދާ ދެ ސެޓުން ބަލިވި ނަމަވެސް، އެ މެޗުގައިވެސް ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. އަދި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ރުވާންޑާގެ އަތުން ބަލިވީ 2-1 ސެޓުންނެވެ.