ޚަބަރު

ރަޝިޔާގައި ދުވާލެއްގެ މައްޗަށް 17,000 މީހުންނަށް ކޮވިޑް ޖެހެނީ


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17,126 އަށް އަރައިފިއެވެ. މިއީ، އޭޕްރިލް 2 ވަނަ ދުވަހުގެ ފަހުން، އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެ ޤައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. މި ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 44 މީހުން މަރުވެފައިވާ ކަމުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ރަޝިޔާގެ ޓާސްކްފޯސްއިން ބުނެއެވެ.

އޮގަސްޓު 2 ވަނަ ދުވަހު އެ ޤައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14,600 އަރާފައެވެ. މިއީ، އޭގެ ކުރީ ދުވަހާއި އަޅައިބަލާއިރު 5,000 ކޭސް އިތުރު އަދަދެކެވެ. މި ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އެ ޤައުމުގައި ދަނީ އިތުރު ވަމުންނެވެ. މި ގޮތުން، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެ ޤައުމުގެ 34 ސަރަޙައްދެއްގައި ވަނީ އިތުރުވެފައެވެ.

އޮގަސްޓު 2 ވަނަ ދުވަހު އިތުރު 2,038 މީހުން މި ބަލީގައި އެޑްމިޓް ކޮށްފައި ވެއެވެ. އަދި، ހަމަ އެ ދުވަހު މަރުވި މީހުންގެ އަދަދު 43 އަށް އަރައެވެ. އޭގެ ކުރީ ދުވަހު މި ބަލީގައި މަރުވެފައި ވަނީ 48 މީހުންނެވެ. ކޮވިޑްގެ ބަލިމަޑުކަން ފެށުނީއްސުރެ، އެ ޤައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 18.6 މިލިޔަނަށް އަރާފައެވެ. އަދި، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 382,560 އަށް މައްޗަށް އަރާފައެވެ.