ޚަބަރު

ނިއުކްލިޔަރ ބާރަކަށް އުތުރު ކޮރެޔާ ވިޔަ ނުދޭނަން: ޕެލޯސީ


އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން އެމެރިކާއިން މަސައްކަތް ކުރާނެ ކަމުގައި އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެކުނު ކޮރެޔާއަށް ޒިޔާރަތް ކުރައްވައި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކިމް ޖިން-ޕިޔޯއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

"އުތުރު ކޮރެޔާގެ އަމަލުތަކުގެ ސަބަބުން ނުރައްކާތެރި ކަން އިތުރުވެފައިވާ މިންވަރާ މެދު ދެ ޤައުމުން ވެސް ކަންބޮޑުވޭ. އަދި، ބައިނަލްއަޤްވާމީ ގުޅުމާއި މަޝްވަރާ އިސްކޮށް، ނިއުކްލިޔަރ ހަތިޔާރުގެ ސަބަބުން ކޮރެޔާ ޕެނިންސިއުލާއަށް އޮތް ނުރައްކާތެރި ކަން ނައްތައިލުމާއި، ޞުލްޙަ ޤާއިމު ކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނަން،" ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ.

ދެކުނު ކޮރެޔާއަށް ޕެލޯސީ ވަޑައިގެންނެވީ، ޗައިނާއިން ދެމުންދިޔަ އިންޒާރުތަކަށް ބެލުމެއްނެތި، ޓައިވާނަށް ކުރެއްވި ޒިޔާރަތަކަށް ފަހުއެވެ. އޭނާ ޓައިވާނަށް ވަޑައިގެންނެވުމުން، ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. ދެކުނު ކޮރެޔާއަށް ޕެލޯސީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ކޮރެޔާ ގުޅުވައިދޭ ސަރަޙައްދީ އިމަށް ވެސް ވަޑައިގަންނަވާނެއެވެ. މި ސަރަޙައްދީ ރޮނގު ބަލަހައްޓަނީ ދެ ކޮރެޔާގެ ސިފައިންނާއި އެމެރިކާއިން އިސްވެ އޮވެ ހިންގާ އ.ދ.ގެ ކޮމާންޑަކުންނެވެ. ދެކުނު ކޮރެޔާގެ ރައީސް ޗުއްޓީއެއްގައި ހުންނެވުމުން، ޕެލޯސީގެ މި ދަތުރުފުޅުގައި އޭނާއާ ބައްދަލު ކުރައްވަން ހަމަޖެހިފައެއް ނުވެއެވެ.