ޚަބަރު

ވީއައިއޭގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް ޓަރމިނަލްގެ ސިސްޓަމްތަކަށް މައްސަލައެއް ދިމާވެ، ފަސިންޖަރުން ޗެކިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މެނުއަލްކޮށެވެ. އެގޮތުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޗެކިން ސިސްޓަމްތަކަށް މައްސަލަ ދިމާވިއެވެ.

ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯރޕަރޭޓް އެފެއަރޒް، ހަސަން އަރީފް ވިދާޅުވީ، އެންމެ ފުރަތަމަ އިސްކަން ދިނީ އިންޓަރނޭޝަނަލް ޓަރމިނަލްގެ ސިސްޓަމްތައް ރަނގަޅު ކުރުމަށް ކަމަށެވެ.

އަދި މިހާރު އެ ޓަރމިނަލްގެ ސިސްޓަމްތައް ވަނީ ރަނގަޅުކުރެވިފައެވެ. އަދި ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރި މަސައްކަތާއެކު ޑޮމެސްޓިކް ޓަރމިނަލްގެ ސިސްޓަމްތައްވެސް މިހާރު ރަނގަޅުކޮށްފައިވާކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ޑޮމެސްޓިކް ޓަރމިނަލްގައި ޗެކިން ކުރަމުންދަނީ ސިސްޓަމް މެދުވެރިކޮށް ކަމަށެވެ.

ހަސަން ފާހަގަކުރެއްވިގޮތުގައި ވެލާނާ އިންޓަރނޭޝަނަލްގެ ޗެކިންގ ސިސްޓަމްތަކަށް ދިމާވީ ސޮފްޓުވެއަރގެ މައްސަލައެއް ކަމަށެވެ. އަދި މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މީގެކުރިން ދިމާވި މައްސަލައެއް ނޫން ކަންވެސް ހަސަން ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ މި ކުރެވުނު، ތަޖުރިބާ އާއި އެކު ސޮފްޓުވެއަރ އަޕްގްރޭޑުކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.