ކުޅިވަރު

ލިލްގެ އޮނާނާ ގެންދިއުމަށް ވެސްޓް ހޭމުން އެއްބަސްވުމަކަށް


ފްރެންޗް ލީގުގެ ލިލްއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ އަމަޑޫ އޮނާނާ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮނާނާ ވެސްޓް ހޭމަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 33.5 މިލިޔަން ޕައުންޑުގެ އަގަކަށެވެ.

އުމުރުން 20 އަހަރުގެ އެ ކުޅުންތެރިޔާ ގެންދިއުމަށް ދެ ކުލަބުގެ މެދުގައި އަގަކާ މެދު އެއްބަސްވެވުނު ނަމަވެސް، އަދި ބައެއް އިތުރު ކަންތައްތަކަށް ނިންމަން އެބަހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޮނާނާގެ އަމިއްލަ ކަންތައްތަކުގައި ވެސްޓް ހޭމް އާއެކު ވާންޖެހޭ އެއްބަސްވުން އަދި އޮތީ ނުނިމިއެވެ.

އޮނާނާ ވަނީ މިދިޔަ ސީޒަނުގައި ލިލްއަށް 31 މެޗު ކުޅެދީފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިލް ކުޅުނު ހުރިހާ މެޗެއްގައިވެސް އޭނާ ކުޅެފައިވެއެވެ. އޮނާނާ ބެލްޖިއަމް ޓީމަށް ކުޅެން ފަށާފައިވަނީ މި އަހަރުގެ ޖޫން މަހު ޔުއެފާ ނޭޝަންސް ލީގުގައެވެ.

ވެސްޓް ހޭމުން އޮނާނާ ގެންދާއިރު، އެ ޓީމުން އަންނަނީ ޔޫރަޕުގައި ކުރިއަށް އޮތް ސީޒަންގައިވެސް ވާދަކުރަންޖެހޭތީ އެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮނާނާގެ އިތުރުން ބާންލީގެ މެކްސްވެލް ކޯނޭ ގެންދިއުމަށްވެސް ވެސްޓް ހޭމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.