ކުޅިވަރު

ލެސްޓާގެ ކީޕަރު ޝްމައިކަލް ނީސްއަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ކެޕްޓަން އަދި ގޯލްކީޕަރު ކެސްޕާ ޝްމައިކަލް, ފްރެންޗް ލީގުގެ ނީސްއަށް ބަދަލުވެއްޖެއެވެ.

އޭނާ ލެސްޓާ ދޫކޮށްލީ އެ ކުލަބުގައި 11 އަހަރު ހޭދަކުރުމަށްފަހުއެވެ. އުމުރުން 35 އަހަރުގެ ޝްމައިކަލް ވަނީ ލީޑްސް ޔުނައިޓެޑުން ލެސްޓާއަށް ސޮއި ކުރުމަށްފަހު މިހާތަނަށް 479 މެޗު ކުޅެދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލެސްޓާއަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހޯދުމުގައި އެހީތެރިވެދީފައެވެ.

މީގެ އިތުރުން 2013-2014 ވަނަ އަހަރުގެ ސީޒަނުގެ އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް ޝްމައިކަލް ހިމެނިފައިވެއެވެ. އަދި ޝްމައިކަލް ވަނީ ޑެންމާކުގެ ގައުމީ ޓީމަށް 84 މެޗު ކުޅެދީފައެވެ.

ލެސްޓާގެ ޗެއާމަން ވިދާޅުވީ ޝްމައިކަލް އެ ޓީމުގައި ހޭދަކުރި ދިގު މުއްދަތުގައި އޭނާ ވފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި ކެޕްޓަންކަމާއި ވައިސް ކެޕްޓަންގެ ހައިސިއްޔަތުން އޭނާ ވަނީ ފުރިހަމައަށް ޒިންމާތައް އަދާކޮށް، ލީޑަރެއްގެ ދައުރު އަދާކުރުމުގައި ލާމަސީލު މިސާލެއް ދައްކާފައި ކަމަށްވެސް ވިދާޅުވިއެވެ.

ލެސްޓާ އަކީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން އައު ސީޒަނަށް ކުޅުންތެރިއެއް އެ ކުލަބަށް ނުގެންދާ ހަމައެކަނި ކުލަބެވެ.