ޚަބަރު

"ސްޓްރޭންޖާ ތިންގްސް" ގެ ފަހު ސީޒަންގެ މަސައްކަތް ފަށައިފި


"ސްޓްރޭންޖާ ތިންގްސް" ސީޒަން 4 ގެ ބޮޑު ކާމިޔާބީއަށްފަހު މި ސީރީޒްގެ ފައިނަލް ސީޒަން ބަލާލަން ފޭނުން ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފައެވެ.

ސީޒަން 4 އަށްފަހު ދެން އަންނަ ސީޒަންގައި ވާނެ ގޮތަކާއިމެދު ބައިވަރު ވާހަކަތައް ދެކެވެއެވެ. ފައިނަލް ސީޒަންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ދާދިފަހުން ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

"ސްޓްރޭންޖާ ތިންގްސް" ފައިނަލް ސީޒަންގެ މަސައްކަތް ފަށާފައިވާކަން މި ސީޒަންގެ ލިޔުންތެރިޔާގެ ޓީމުން ވަނީ ކަށަވަރުވެސްކޮށްދީފައެވެ. މިކަން ހާމަކޮށް އެމީހުން ވަނީ ޓުވިޓާގައި ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

މި ފޮޓޯގައި ފެންނަނީ ހުދު ބޯޑެއްގައި ބޮޑުކޮށް އޮތް ނަންބަރު ފަހެއްގެ މަތީގައި "ސްޓްރޭންޖާ ތިންގްސް" ގެ ލޯގޯ ޖަހާފައިވަނިކޮށެވެ.


ކުޑަކުދިންނާއި ޒުވާނުންގެ މެދުގައިވެސް ބޮޑު މަޤޫބޫލުކަމެއް ހޯދާފައިވާ މި ސީރީޒްގެ ލީޑް ކާސްޓުންގެ ތެރެއިން މިލީ ބޮބީ ބްރައުން، ފިން ވޯލްފްހާޑް، ގޭޓެން މަޓަރާޒޯ އަދި ކެލެބް މެކްލަފްލިން ހިމެނެއެވެ. ސީރީޒްގެ އޮރިޖިނަލް ލީޑް ކާސްޓު، އެންމެފަހު ސީޒަންގައި ހަމަ އެ ރޯލުތަކުން ފެނިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

"ސްޓްރޭންޖާ ތިންގްސް 4" ވަނީ ގިނަ ބަޔަކު ބަލައި، އެ ސީޒަން ސްޓްރީމް ކުރި ވަގުތު އެއް ބިލިއަން ގަޑިއިރަށް އަރާފައެވެ. މިއީ ނެޓްފްލިކްސްގެ ތާރީޚުގައި މިހާތަނަށް ސީރީޒެއްގެ ސީޒަނަކަށް އެއް ބިލިއަންގެ ސްޓްރީމިން ލިބުނު ދެވަނަ ފަހަރެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ މިދިޔަ އަހަރު ނެރުނު ކޮރިއަން ތުރިލާ ސީރީޒް "ސްކުއިޑް ގޭމްސް" އެވެ. އެއީ 1.65 ބިލިއަން ގަޑިއިރު ބަލައިގެންނެވެ.

"ސްޓްރޭންޖާ ތިންގްސް" ގެ ފިނާލޭ ސީޒަން ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2024 ވަނަ އަހަރުގެ ތެރޭގައެވެ.