ޚަބަރު

"ބަޅޭ މިޔާން ޗޯޓޭ މިޔާން" ގެ މަސައްކަތް ހުއްޓައެއްނުލާ

އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ ކުރިއަށްއޮތް ފިލްމު ފިލްމު "ބަޑޭ މިޔާން ޗޯޓޭ މިޔާން" ގެ މަސައްކަތް ހުއްޓާނުލާކަމަށް ޕްރޮޑިއުސަރު ޖެކީ ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަޖެޓްގެ ތާށިކަމާއި ހެދި މި ފިލްމުގެ މަސައްކަތްވަނީ ހުއްޓާލާފައެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެމުން ޖެކީ ބުނީ ފިލްމުގެ މަސައްކަތް ހުއްޓާނުލާކަމަށެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ "ބަޅޭ މިޔާން ޗޯއްޓޭ މިޔާން" އަކީ ޕޫޖާ އެންޓަޓެއިންމަންޓްސްގެ ދަށުން ޖެކްކީ ބަގްނާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

144 ކްރޯޑް ރުޕީސްއަށް މި ފިލްމަށް ސޮއިކުރި އަކްޝޭ ގެ ފީގެ 50 ޕަސެންޓް ކުޑަކުރުމުގެ އިތުރުން ޓައިގާ އާއި އަލީ ވެސް ވަނީ ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް ވުރެ 20-35 ޕަސެންޓް ކުޑަކޮށް ފިލްމުގައި މަސައްކަތްކޮށްދޭން އެއްބަސްވެފައިކަމަށް ޖެކީ ބުނެއެވެ.

މި ފިލްމަކީ އަމީތާބް ބައްޗަން އާއި ގޮވިންދާ ލީޑް ރޯލުން ފެނިގެންދިޔަ 1998 ވަނަ އަހަރު ރިލީޒްކުރި ހިޓް ފިލްމުގެ ރީބޫޓެއްކަމަށް ބެލެވެއެވެ.

މިކަމާއިގުޅިގެން ޑައިރެކްޓަރު އަލީ ބުނީ ފިލްމު މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތުގައެވެ. މިހާ ބޮޑު ސްކޭލްގެ ފިލްމެއްގެ ޕްރީ ޕްރޮޑަކްޝަނަށް ގިނަ ދުވަސް ބޭނުންވާނެކަމަށްވެސް އަލީ ވަނީ ފާހަގަކޮށްފައެވެ. އަދި އަންނަ އަހަރު ފަހުކޮޅު މި ފިލްމު ސިނަމާތަކަށް އައުން އެކަށީގެންވާކަމަށްވެސް އަލީ ވަނީ ބުނެފައެވެ.

އަކްޝޭ އެންމެ ފަހުން ފެނުނު ފިލްމަކީ "ސަމްރަތް ޕްރިތްވީރާޖް" އިންނެވެ. މިދިޔަ ޖޫންމަހު ރިލީޒްކުރި މި ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުޚީބެއް ލިބުނު ފިލްމެއްނޫނެވެ. 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ދިޔަ ޚަރަދުވެސް ކަނޑާނުލެވުނެވެ. މީގެ އާމްދަނީއަށް 100 ކްރޯޑް ރުޕީސްވެސް ހަމައެއްނުވެއެވެ.

އަކްޝޭގެ މި ފިލްމުގެ އިތުރުން ޓައިގާގެ "ހީރޯޕަންތީ 2" އަކީވެސް ބޮޑު ފޮލްޕެކެވެ. އެކްޓްރެސް ތާރާ ސުތާރިއާވެސް ލީޑް ރޯލުން ފެނުނު މި ފިލްމަށް ލިބުނީ އެންމެ 6.50 ކްރޯޑް ރުޕީސް ގެ އާމްދަނީއެކެވެ. އަދި މިއީ ކޯވިޑުގެ ބަލިމަޑުކަމަށްފަހު އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ މަދުން އާމްދަނީ ލިބުނު ފިލްމެވެ.