ޚަބަރު

ރަންވީރަށްފަހު "އިން ޓު ދަ ވައިލްޑް" އަށް ޕްރިޔަންކާ


އިނގިރޭސިވިލާތުގެ ސަވައިވަލް އެކްސްޕާޓް ބެއާ ގްރިލްސްގެ ޑޮކިއުމެންޓްރީ ސީރީޒްގެ އެންމެ ފަހު އެޕިސޯޑު ގެނެސްދިނީ ބޮލީވުޑް ތަރި ރަންވީރު ސިންގާއިއެކުގައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންނާއިއެކު ބެއާ މިހާރު ގެނެސްދެމުން އަންނަ "އިން ޓު ދަ ވައިލްޑް" ގެ މި ޑޮކިއުމެންޓްރީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރަންވީރަށްފަހު ބެއާ މިހާރު ބޭނުންވަނީ ބޮލީވުޑް އަދި ހޮލީވުޑްގެވެސް ތަރި ޕްރިޔަންކާ ޗޯޕްޅާ އާއިއެކު އެޕިސޯޑެއް ގެނެސްދިނުމަށެވެ.

ބެއާ ބުނިގޮތުގައި ބޮލީވުޑް ތަރިންގެ ފަރާތުން އޭނާއަށް އަބަދުވެސް އެއްބާރުލުން ލިބެއެވެ. އަދި އިންޑިއާއަކީ އަބަދުވެސް އޭނާއަށް ވަރަށް ޚާއްސަ ތަނެއްކަމަށް ބެއާ ބުނެއެވެ.

ބެއާ މީގެކުރިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އަޖޭ ދޭވްގްން، ވިކީ ކައުޝަލް، ރަޖިނީކާންތު، އަކްޝޭ ކުމާރު އަދި ރަންވީރު ސިންގް ފަދަ އެކްޓަރުންނާއެކު އެޕިސޯޑުތައް ގެނެސްދީފައެވެ.

ބެއާ ގެ މި ޑޮކިއުމެންޓްރީގެ އެއްވެސް އެޕިސޯޑެއްގައި އަދި އަންހެން ތަރިއަކު ބައިވެރިއެއްނުވެއެވެ. ޕްރިޔަންކާގެ އިތުރުން ބެއާ އަތުގައި ޝޯއަށް ގެންނަން ބޭނުންވާ ތަރިންގެ ދިގު ލިސްޓެއް އެބައޮތެވެ.

މި ލިސްޓުގައި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އަދި ބޮލީވުޑް ތަރި އަނުޝްކާ ޝަރުމާގެ ފިރިމީހާ ވިރާޓުގެ ނަންވެސް އޮތްކަން ބެއާގެ ވާހަކައިން އެގެއެވެ.