ޚަބަރު

ޚާރްސަންގެ 53 ރަށެއް މިނިވަން ކުރެވިއްޖެ: ޔޫކްރެއިން


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އަތްގަދަ ކޮށްފައިވާ އެ ޤައުމުގެ ދެކުނުގައިވާ ޚަރްސަންގެ 53 ރަށެއް ރަޝިޔާ ސިފައިން އަތްދަށުން މިނިވަން ކުރެވިއްޖެ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ނާޒީންގެ އަތްދަށުން ޔޫކްރެއިން މިނިވަން ކުރުމުގެ ނަމުގައި ރަޝިޔާ ސިފައިން އެ ޤައުމަށް އަރާފައި ވަނީ ފެބުރުއަރީ 24 ގައެވެ.

2014 ވަނަ އަހަރު ރަޝިޔާ ސިފައިން ހިންގި އުދުވާނުގައި ޔޫކްރެއިންގެ ދެކުނުގައިވާ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާ ވަނީ ހިފާފައެވެ. އަދި، ކްރައިމިޔާއާ އިންވެގެން އޮންނަ ޚަރްސަން ހިފާފައި ވަނީ ފެބުރުއަރީގައި ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގެ ކުރީ ކޮޅުގައެވެ. ރަޝިޔާ ސިފައިންގެ އަތްދަށުން އެ ސަރަޙައްދު މިނިވަން ކުރުމަށް ޔޫކްރެއިން ސިފައިން ދަނީ ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.

އެ ސަރަޙައްދުގެ ރީޖަނަލް ގަވަރުނަރު ޑިމިޓްރީ ބުޓްރީ ވިދާޅުވީ، ހުސްވި ހަފުތާގެ ތެރޭގައި ރަޝިޔާ ސިފައިންގެ އަތްދަށުން ޚަރްސަންގެ އިތުރު ނުވަ ރަށެއް މިނިވަން ކޮށްފައިވާ ކަމުގައެވެ. އަދި، މިއާއެކު ޚަރްސަންގެ ޖުމުލަ 53 ރަށެއް މިނިވަން ކުރެވިއްޖެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރޭލު މަގުން ޚަރްސަންއާއި ކްރައިމިޔާ ގުޅުވައިދޭ މަގު ޔޫކްރެއިން ސިފައިންގެ ހަމަލާތަކެއްގައި ވަނީ މުޅިން ހަލާކުކޮށްލާފައެވެ. މިއާއެކު ކްރައިމިޔާ މެދުވެރިކޮށް ޚަރްސަންގައި ތިބި ރަޝިޔާ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަގު ބަންދުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ޚަރްސަންގެ އަމާޒުތަކަށް ހަމަލާދިނުމަށް ޔޫކްރެއިން ސިފައިން ބޭނުން ކުރަމުން ދަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ފޯރުކޮށްދީފައިވާ ދުރުރާސްތާ ހަތިޔާރުތަކެވެ. އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރުތަކުގެ ތެރޭގައި "ހައިމާސް" މަރުކާގެ ރޮކެޓް ސިސްޓަމް ހިމެނެއެވެ. ރަޝިޔާއިން ދާދިފަހުން ވަނީ، އެމެރިކާއިން ފޮނުވާފައިވާ ހައިމާސް ރޮކެޓް ސިސްޓަމްތަކަކަށް ހަމާލާދީ ނައްތައިލާފައިވާ ކަމަށް ބުނެފައެވެ.

ރަޝިޔާ ސިފައިން ދިން ވަރުގަދަ ހަމަލާތަކެއްގައި ހައިމާސް މަރުކާގެ ހަ ރޮކެޓް ސިސްޓަމެއް ނައްތައިލާފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫ ވިދާޅުވިއެވެ. މީގެ އިތުރުން މަނަވަރުތަކަށް ހަމަލާދޭން ބޭނުން ކުރާ "ހާޕޫން" މަރުކާގެ ހަ މިސައިލް ސިސްޓަމާއި، 33 "ހޮވިޓްޒަރ" ބަޑި ވެސް ނައްތައިލާފައި ވާނެ ކަމުގައި ޝޮއިގޫ ވިދާޅުވިއެވެ.

ނަމަވެސް، އެމެރިކާގެ ދިފާޢީ ވުޒާރާއިން އެ ކަން ދޮގު ކުރެއެވެ. ޕެންޓަގަންއިން ބުނީ، އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރުތައް ބޭނުންކޮށްގެން ޔޫކްރެއިން ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ. މި ކަމާ ގުޅިގެން، އެމެރިކާއިން މި ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމުގައި ވެސް ރަޝިޔާއިން ވަނީ ތުހުމަތު ކޮށްފައެއެވެ.

ޔޫކްރެއިން ސިފައިންގެ ހަމަލާތަކުގެ ރައްދުގައި ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިނުގެ ރަށްތަކަށް ރޮކެޓާއި މިސައިލް އަދި ދުރުރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދެމުންނެވެ. މި ގޮތުން ދިން ހަމަލާތައް އެންމެ ފަހުން އަރާފައި ވަނީ ޚާކީވަށް ކަމުގައި ޔޫކްރެއިނުން ބުންޏެވެ. މި ހަމަލާތަކުގައި ޢާންމުން ދިރިއުޅޭ ގެތަކާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔޫކްރެއިނުން ބުނި ނަމަވެސް، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ހަމަލާ ދެމުން ނުދާ ކަމުގައި ރަޝިޔާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.