ޚަބަރު

ދުނިޔެ އޮތީ ނިއުކްލިޔަރ ހަނގުރާމައެއްގެ ތުންފަތްމަތީގައި: ގުތެރޭޝް


ދުނިޔެ އޮތީ ފަނާކުރަނިވި ނިއުކްލިޔަރ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމުގައި ވިދާޅުވެ، އ.ދ.ގެ ސެކްރަޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަރުގަދަ އިންޒާރެއް ކުރައްވައިފިއެވެ. ނިއުކްލިޔަރ ހަތިޔާރު އުފައްދާ ގެންގުޅުން މަނާކުރާ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ، މިއަދު ނިއުކްލިޔަރ ހަނގުރާމައެއް ފެށުން އޮތީ އެންމެ ފިޔަވަޅެއް ދުރުގައި ކަމުގައެވެ.

"އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުން ވެސް، ފަނާކުރަނިވި ނިއުކްލިޔަރ ހަނގުރާމައެއް ފެށި، މުޅި އިންސާނިއްޔަތަށް އޭގެ އަސަރު ކޮށްފާނެ،" ގުތެރޭޝް ވިދާޅުވިއެވެ. ނިއުކްލިޔަރ ނަން ޕްލޮރިފެރޭޝަން ޓްރީޓީ ނުވަތަ ނިއުކްލިޔަރ ހަތިޔާރު އުފައްދާ ގެންގުޅުން މަނާ ކުރާ މުއާހަދާގައި ދުނިޔޭގެ ހުރިހާ ބާރަކުން ވަނީ ސޮއިކޮށްފައެވެ. ނަމަވެސް، މި މުއާހަދާގައި އަދިވެސް ބައިވެރިނުވާ ބައެއް ޤައުމުތައް ހިމެނެއެވެ. އެގެ ތެރޭގައި އިންޑިޔާ، ޕާކިސްތާން، އުތުރު ކޮރެޔާ އަދި ޔަހޫދީންގެ އިސްރާޢީލު ހިމެނެއެވެ.

ދުނިޔެ މިހާރު އޮތީ ފިނި ހަނގުރާމައަށް ވުރެ ނުރައްކާ ހާލަތެއްގައި ކަމަށް ވިދާޅުވެ، ގުތެރޭޝް ވަނީ ނިއުކްލިޔަރ ހަތިޔާރުތަކުގެ ސްޓޮކް މަދު ކުރަން ޤައުމުތަކުން އިތުރަށް މަސައްކަތް ކުރުމަށް ގޮވައިލައްވާފައެވެ. އަދި މިހާތަނަށް އެ ފަދަ ހަނގުރާމައެއް ނުފެށި އޮތީ އަޅުގަނޑުމެންގެ "ނަސީބުން" ކަމުގައި ވިދާޅުވެ، އެ ހާލަތު ބަދަލުވާން ކުޑަ ހިނދުކޮޅެއް ވެސް ނުނަގާނެ ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުތަނަސްކަމާއި ހަމަނުޖެހުން އިތުރުވަމުންދާ ކަން ފާހަގަކުރައްވައި، ޔޫކްރެއިނާއި ދެ ކޮރެޔާގެ އިތުރުން މެދުއިރުމަތީގެ މަސްރަޙު އޭނާ މިސާލުތަކުގެ ގޮތުގައި ދެއްކެވިއެވެ. އަދި، ވަކީން ޚާއްޞަކޮށް، ރަޝިޔާއަކީ ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ސަބަބަކީ، ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރާނެ ކަމަށް އެ ޤައުމުން އިންޒާރު ދީފައިވުމެވެ.

މި ބައްދަލުވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ، ނިއުކްލިޔަރ ހަނގުރާމައެއް ފެށިއްޖެ ނަމަ އެއްވެސް ޤައުމަކަށް ކާމިޔާބީ ނުލިބޭނެ ކަމުގައެވެ. އަދި، އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަޝިޔާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު ނުތަނަވަސް ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ އޮގަސްޓު 2 ގައި ވަނީ ޓައިވާނަށް ދަތުރުފުޅެއް ކުރައްވާފައެވެ. ޗައިނާއިން ދީފައިވާ އިންޒާރުތަކަށް ބެލުމެއް ނެތި، ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވުމުން، އެމެރިކާއާއި ޗައިނާއާ ދެމެދު ވެސް އުފެދިފައިވާ ނުތަނަވަސްކަން މި ވަނީ އިތުރަށް ގޯސްވެފައެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ނިއުކްލިޔަރ ބާރުތަކުން 60,000 އަށްވުރެ ގިނަ "ނިއުކްލިޔަރ ވޯހެޑް" އުފައްދާ ރައްކާކޮށްފައި ހުއްޓެވެ. ނަމަވެސް، އެ ފަދަ ހަތިޔާރުގެ އަދަދު މިހާރު 13,000 އަށް ވަނީ މަދުކޮށްފައެވެ. އެ ހަތިޔާރުތައް ހުރި ކަމަށް ބެލެވެނީ ނުވަ ޤައުމެއްގައެވެ.